ޓެކްސް ނެގުމަށްވުރެ މުދަލު ޒަކާތް ނެގުން ރަނގަޅު: ސިޔާމް
ދިވެހިރާއްޖޭގައި އިންކަމް ޓެކްސް ނެގުމަށްވުރެ މުދަލު ޒަކާތް ނެގުމަކީ މާ ރަނގަޅުކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިހެން ވިދާޅުވީ އަމިއްލަ ފަރުދުންގެ އާމްދަނީ ޓެކްސް ނެގުމުގެ ބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
އެމްޑީއޭގެ ލީޑަރކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމް ވިދާޅުވީ މި ރާއްޖޭގެ ވިޔަފާރިވެރިން ޓެކްސް ފައިސާ ދައްކަމުންގެންދަނީ އެ ފައިސާތައް ހައްގުވެރި ފަރާތްތަކަށް ލިބިދިނުމަށްޓަކައި ކަަމަށާއި ނަމަވެސް އެކަން ވަމުންދާ ތަނެއް ނުފެންނަކަމަށެވެ. އޭގެ ބަދަލުގައި އެ ފައިސާތަކަށް ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ދުނިޔޭގެ ދަހިވެތިކަމުގައި ޚިޔާނާތްތެރިވަމުންދާކަމަށް ސިޔާމް ތުހުމަތުކުރެއްވިއެވެ.
އެބޭފުޅާ ވިދާޅުވީ މިވަގުތު ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތުން އިންކަމް ޓެކްސް ނަގަންޖެހޭކަމަށް ގަބޫލުނުކުރައްވާ ކަަމަށެވެ. އަދި ނަގާ ފައިސާއިން ކުރާާ ކަމެއް ނާންގައި ހިތަށް އެރި މިންވަރަކަށް ޓެކްސް ނެގުމަކީ ފޭރުމުގެ ގޮތުގައި ސިޔާމް ސިފަކުރެެއްވިއެވެ.
ސިޔާމް އިތުރަށްވަނީ ޓެކްސް ނެގުމަށްވުރެ މުދަލު ޒަކާތް ނެގުމަކީ މާ ރަނގަޅުކަމެއްކަމަށް ވިދާޅުވެފައެވެ. އެބޭފުޅާ ވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުން ދަށްކަމަށް ވިދާޅުވެ، އެކަން އޮތީ ދުނިޔޭގެ ނިސްބަތުންވެސް ނާމާންގޮތެއްގައި ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް