ރިޝާނާ: މަދުބަޔަކަށްނޫން. އެންމެނަށް
ރައްޔިތުންގެ މިޖިލިސް އިންތިހާބު 2019 ގައި ވާދަކުރައްވާ އަންހެން ކެނޑިޑޭޓުންނަށް "ވޮއިސް" އިން ހިލޭ ކަވަރޭޖް ދޭން ނިންމާފައިވުމާއެކު އެފަރާތްތަކުގެ ޙަބަރާއި އިންޓަވިއު މިދަނީ ގެނެސްދެމުންނެވެ. އެގޮތުން މި އިންޓަވިއު އަކީ މާފަންނު މެދު ދާއިރާއަށް އަމިއްލަގޮތުންކުރިމަލާ ކެޑިޑޭޓް ފާތިމަތު ރިޝާނާ (ނާ) ކޮށްފައިވާ އިންޓަވިއުއެކެވެ.
ރިޝާނާ މަޖިލިސް މެންބަރުކަމަށް ކުރިމަތިލާން ގަސްތުކުރީ ކީއްވެ؟
ހަޤީޤަތުގައި، އަހަރެން ބޮޑުވީ ސިޔާސީ ކަންތަކަށް މާ ގަޔާވެގެނެއް ނޫން. ކުރިން ބޭނުންވަނީ ދެމެހެއްޓިނިވި ތަރައްޤީގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ނަމަވެސް، 2004ގެ ސުނާމީގެ ފަހުން ޔޫއެންޑީޕީ އާއި މޯލްޑިވްސް ރެޑް ކްރެސެންޓްގައި އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާގައި މަސައްކަތްކުރަން ފެށި ހިސާބުން އެކި ސިޔާސަތުތަކާ އާއްމު ރައްޔިތުންގެ ދިރުއުޅުމާއި ހުރި ގުޅުން ވަރަށް ބޮޑަށް ފާހަގަވާން ފެށި. ސިޔާސީ ދާއިރާ މިހާރު ހިނގަމުންދާ ގޮތުން މިހާރު ދެން އަހަރުމެން މިކަމުގަ ބައިވެރި ނުވެ މިކަން ރަގަޅުވާން ނެތްކަން އެނގެނީމަ އިންތިހާބަށް ކުރިމަތިލީ. ތިން ކުދިންގެ މަންމައެއްގެ ހައިސިއްޔަތުން ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށް ތަހައްމަލު ކުރަން ޖެހޭނެ ދަތިތަކާ މެދު އަދި މާ ބޮޑަށް ވިސްނޭ މިހާރު.
މާލޭގެ ހާލަތާ މެދު ހާއްސަކޮށް ކަންބޮޑުވޭ. މާލެ މިއޮތީ ރާވައިގެން ކާރިސާއަކަށް ހަދާފަ. އެތަކެއް އިޖްތިމާއީ މައްސަލަތަކެއްގެ ހާއްޔަކަށް މާލެ ހާދަފައި އޮތް އިރު، ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން މި ކަންކަން ހައްލުކުރުމަށް ހަމަ އަޅާވެސް ނުލާ. އުޅެނީ އެމީހުންގެ ކޮންމެވެސް ސިޔާސީ ކޯޅުމެއްގަ. އަހަރުމެން އާއްމު ރައްޔިތުން މި ކަންތައްތައް ތަހައްމަލުކޮށްގެން ތިބޭތާ ލައްކަ ދުވަސްވެއްޖެ.
އަހަރެން މަޖިލީހަށް ކުރިމަތިލާން ގަސްތުކުރީ، އަހަރުމެންގެ ހާލަތު ބަދަލުކުރަން ބޭނުންވާތީ. މިއީ އަހަރެންގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން.
މާލޭގެ ރައްޔިތުންނަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމާ މެދު ޝައްކެއްނެތް. ރިޝާނާ ޤަބޫލުކުރާ ގޮތުގައި މިކަމަށް ގެނެވެން އޮތް ހައްލަކީ ކޮބާ؟
ހިޔާވަހިމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ދައުލަތުން ފޯރުކޮށްދޭން ލާޒިމު އަސާސީ ހައްޤެއް ކަން ގާނޫނު އަސާސީގަ ބުނެފައޮވޭ. އަސާސީ ހައްގުތައް ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްވުރެ މުހިންމު އެއްވެސް ކަމެއް ސަރުކާރަކަށް ނޯންނާނެ. ނަމަވެސް މިއަދު، މާލޭގައި ގިނަ މީހުން ދިރިއުޅެނީ، އިންސާނުން ދިރިއުޅެން ހެޔޮނުވާ ފަދަ ހާލަތްތަކުގައި، ޖަލު ގޮޅިތަކެއްގައި. އަހަރެން ދެކޭ ގޮތުގައި މިކަން ހައްލުކުރެވޭނީ އެންމެ ފުރަތަމަވެސް، ހިޔާވަހިކަން ފަދަ އަސާސީ ހައްގުތައް ވިޔަފާރި އުސޫލުން ގަނެވިއްކުން ހުއްޓުވައިގެން. މިއަދުގެ ހާލަތަކީ ސިޔާސީ ކޮންމެ މީހެއްގެ ކޮންސްޓްރަކްޝަން ކުންފުންޏެއް އެބައޮތް. މިފަދަ ކޮންސްޓްރަކްޝަން ކުންފުނިތަކުން މާލޭ ރައްޔިތުންގެ ދަތިހާލުގެ ނާޖާއިޒު ފައިދާ އިންތިހާއަށް އެބަ ނަގާ. އަހަރެމެންގެ ބޭންކުން ގެދޮރު ބިނާކުރުމަށް ލޯނު ދެނީ އަންނަން އޮތް ޖީލުތަކަށް ދަންދެން އާއިލާތައް ދަރަނިވެރި ކުރާ އުސޫލުން. މިކަން އެބަޖެހޭ ބަދަލުވާން. މިކަން ހުއްޓުވާނެ މީހަކު އެބަޖެހޭ މަޖިލީހުގަ އިންނަން.
ބިން ނެތިގެން އުޅޭ އިރު މާލޭގަ އެންމެ ބޮޑެތި ބިންތަކުގައި މިއަޅަނީ، ގެދޮރު ހުރި މުއްސަނދިންނަށް އެކަނި ގަނެވޭ ވަރުގެ ލަގްޒަރީ ފްލެޓްތައް. އަދިވެސް ޕާޓީތަކުން މެނިފެސްޓޯ ހަދާފައި މިހުރީ މޮޅު މީހުންނަށް މޮޅު ގޮތް ދެރަ މީހުންނަށް ދެރަ ގޮތް އޮންނަ އުސޫލުން ހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އާ ކުންފުނިތައް އުފައްދަން. އިކޮނޮމިކްސް އެނގޭ މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ ކުންފުންޏެއްގެ އެންމެ މުހިންމު ބޭނުމަކަށް އޮންނާނީ ފައިދާ އިތުރުކުރުމޭ. އެމީހުން ނުކުރާނެ އެމީހުންނަށް ބޮޑު ފައިދާއެއް ނުލިބޭނެ އެއްވެސް ކަމެއް. އަދި ތަޖުރިބާއަށް ބަލާއިރު ސަރުކާރުގެ ކޯޕަރޭޝަންސްތައް މިއޮތީ ކޮރަޕްޝަން ހިންގަންއޮންނަ ހަތިޔާރަކަށް ހަދާފަ. މިއީ ބޭސިކް ފެކްޓްސް. ކޯޕަރޭޝަން ހެދުމަށްވުރެ ހިޔާވަހިކަން ބޭނުންވެފައި ތިބި އާއްމު ރައްޔިތުން އެކުލޭވޭ ހައުސިން އެޝޯޝިއޭޝަންތައް ހަދައިގެން އެމީހުން ކަނޑައަޅާ މިންގަނޑު ތަކަކަށް މިކަންކަން ނިންމަން އަޅުގަނޑު ބާރުއަޅާނަން. އެތައް ކޮންސްޓްރަކްޝަން ކުންފުންޏެއްގަ ހިއްސާ އޮންނަ ވަޒީރަކަށް އާންމު މީހާގެ ހާލަތެއް ނުވިސްނޭނެ. އެހާލަތު ކިޔައިދެވޭނީ އެހާލަތުގަ އުޅޭ މީހުންނަށް
ފްލެޓާ ގެދޮރު އަދި ބިން ދޫކުރާއިރު އިންސާފުވެރި، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުން ކަނޑައަޅާ އުސޫލުތަކަކުން މިކަން ކުރުމަށް ލާޒިމް ކުރާ ގާނޫނުތަކެއް އަޅުގަނޑު ގެންނާނަން. އަރާމުގައި ދިރިއުޅެވޭނެ ފެންވަރުގެ ރަގަޅު ގެދޮރު އެންމެ ހާލުގައި އުޅޭ މީހުންނަށް ފޯރުކޮށްދެވޭނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރާނަން.
އެންމެންވެސް ޤަބޫލްކުރަންޖެހޭ ހަޤީޤަތަކީ ލާމަރުކަޒީ ނުކޮށް މާލެ ތޮއްޖެހުން ހައްލެއް ނުކުރެވޭނެކަން. ހުރިހާ ބާރުތަކަކާ މުޅި އާބާދީ މާލެއާ މާލެކައިރިއަށް ޖަމާކޮށްގެން މާލޭގައި ނޭވާލެވޭނެ ދުވަހެއް ނާންނާނެކަން މިހާރު ވަރަށް ސާފު.
ރާއްޖޭގައި މިހާރު ކޮރަޕްޝަނާއި ވަގު ވިޔަފާރި މި ވަނީ، ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އެންމެ މަތީ ފަންތީގައި އާއްމުވެފައި. ބާރުހުރި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެފިން، ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ހޯދާ، ހޭދަކުރާކަން އެންމެނަށްވެސް އެނގޭ. މިފަދަ ކަންކަން ހުއްޓުވުމުގައި، ރިޝާނާ ދެކޭގޮތުގައި މަޖިލިސް މެންބަރުން، އަދި އާންމު ފަރުދުންގެ ރޯލަކީ ކޮބާ؟
އެންމެ ފުރަތަމަ ކަމަކަށް، ނުހައްޤުން މީސްމީހުންނަށް ބަހާފައިވާ ފްލެޓާ ބިމާ ރަށްތައް އަނބުރާ ދައުލަތުން ނަގަން ޖެހޭ. މިއީ އަޅާނުލާ ތިބެވޭ ވަރުގެ ކަމެއް ނޫން. މިއީ މިނިވަން މުއައްސަސާތަކާ މަޖިލިސް މެންބަރުން އަދި ސަރުކާރުގެ އިސް ފަރާތްތަކުން މިއަދުން މިއަދަށް ކުރަންޖެހިފައިވާ މުހިންމުކަމެއް.
ސިޔާސީ ދާއިރާއިން ކޮރަޕްޝަން ހުއްޓުވަން ބޭނުންނަމަ ސިޔާސީ ފަރާތްތަކުން ސިޔާސީ ކެމްޕޭނަށާ ސިޔާސީ ހަރަކާތްތަކަށް ކުރާ ޚަރަދުތައް އާންމުކޮށް، ފެންނާނެގޮތް ހަދަންޖެހޭ. ސިޔާސީ ޕާޓީތަކަށް ޙަރަދުކުރަނީ ކޮން ބައެއްކަން ހާމަކުރަންޖެހޭ. ސިޔާސީ ޕާޓީތަކުން ދިފާއުކުރަނީ ކޮން ބައެއްގެ މަސްލަހަތުތަކެއް ކަން ރައްޔިތުންނަށް ސާފުވާން ޖެހޭ.
މީގެ އިތުރަށް އެޅޭނެ ފިޔަވަޅުތަކުގެ ތެރޭގައި މިއޮންނަނީ ސިޔާސީ މީހުންނާ އެމީހުންގެ އާއިލާ ހިމެނޭ ގޮތަށް މިނިވަން އޮޑިޓެއްކޮށް ފުރިހަމަ މާލީބަޔާން ރައްޔިތުންނަށް ހާމަކުރުން. މީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް. އެކަމު ގާނޫނަކު ނޯވެއޭ ބުނެ މިހާތަނަށްވެސް އެކަން ނުކުރަން އެތިބެނީ. ގާނޫނު ހެދީ ހަމަ މި ސިޔާސީ ޕާޓީތަކުން ވޯޓުލައިގެން. މިހާ ހިސާބުން ރައްޔިތުންނަށް މިމީހުންގެ އިހުލާސްތެރިކަމާ މެދު ސުވާލު ކުރެވޭ.
ހަމަ މިއާ އެކު ނުހައްޤު މުއްސަދިކަމަކީ ޤާނޫނީ ކުށަކަށް ހަދަންޖެހޭ. އަދި މިނިވަން މުއައްސަސާތަކާ ކޯޓްތައް ޖަވާބުދާރީ ކުރެވެން ޖެހޭ. އަޅާ ކޮންމެ ފިޔަވަޅަކަށް ނުވަތަ ނަގާ ކޮންމެ ސްޓޭންޑަކަށް ޖަވާބުދާރީ ކުރުވަންޖެހޭ. ޖަވާބުދާރީ ކުރުމަކީ ނުފޫޒު ފޯރުވުމެއް ނޫން. އެއީ ކަންކުރީ ރަގަޅަށްކަން ޔަގީންކުރުން.
އާންމު ފަރުދުންގެ ރޯލަކީ މި ކަމުގައި އެންމެ މުހިންމު ރޯލު. މިފަދަ ކަންކަމަށް ގޮވާލައި، މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް ފަރާތްތައް ޖަވާބުދާރީ ކުރުވޭނީ އާންމުންނަށް. މިއަދު ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރެއް ނުވަތަ ތިމާގެ މަޖިލިސް މެންބަރުންނާ ސުވާލުކޮށް ކަންތައް އޮޅުންފިލިވުމަކީ އުނދަގޫ ކަމެއް ނޫން. އެހެންކަމުން، އަހަރުމެންގެ ހައްޤުތައް ނިގުޅައިގަންނަން މަސައްކަތްކުރަން އުޅޭކަމަށް ހީވާނަމަ، އެފަދަ މީސްމީހުން ޖަވާބުދާރީ ކުރުވަން އަހަރެން ގޮވާލަން. ރައްޔިތުންވެސް އެފަރާތްތަކުން ތަމްސީލްކުރުމަށް ހޮވާ މީހުންނަކީ މާ އިއްޒައްތެރި ބަޔަކަށް ހަދައިގެން ސަނާކިޔުމުގެ ބަދަލުގައި އެއީ ރައްޔިތުންގެ ޙާދިމެއްކަން އަބަދުވެސް ހަދާންކޮށް ދޭންވީ. އަބަދުވެސް ޕްރެޝަރ ކުރަންވީ. ދައުލަތުން މުސާރަ ދޭ ކޮންމެ މީހެއްގެ ފަރާތުން އެންމެ ފުރިހަމަ ނަތީޖާ ނެރެވެން ޖެހޭނެ. ގާބިލުކަމެއް ނެތިއްޔާ އެމީހާ ބޭރުކުރެވެން ޖެހޭ. ނުވަތަ ގާބިލު ކަމެއް ނެތް މީހެއްކަން އެނގި ހުރެ ދައުލަތުގެ ފައިސާ އިސްރާފުކުރަން އެކަކުވެސް ހޮވާނެ ކަމެއް ނެތް. އެފަދަ ކަމެއް ވިޔަ ނުދޭން އެންމެންވެސް މަސައްކަތްކުރަން ޖެހޭ. މީ އެންމެންގެ ޒިންމާއެއް.
ރާއްޖެއަށް ޕާޓީގެ ނިޒާމު ތައާރަފުވީއްސުރެ، މަޖިލިހުގައި މުޅީންހެން ތިބެނީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން. އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ، އަމިއްލަ ކެނޑިޑޭޓުން އިނގިލިން ގުނާލެވޭހާ މަދު. ރިޝާނާ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތިލުމުގެ މައިގަނޑު މަގްސަދަކީ ކޮބާ؟
އެންމެ ކުރުކޮށް ބުނާނަމަ ބުނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ 2 ދައުރުގައި މާފަންނު މެދު ދާއިރާއަށް ދެ ޕާޓީއިން މެމްބަރުން ހޮވައިފީމޭ. ނަމަވެސް ރައްޔިތުން ތިބީ މީގެ 10 އަހަރުކުރިން ތިބި ހާލަށް ވުރެ ދަތި ހާލުގަ މިހާރު. 2008 ގަ ވެސް އަހަރެމެން ބުނީ ހިޔާވަހިކަން ވަރަށް ދައްޗޭ. މާފަންނު މެދު ދާއިރާގެ ތޮއްޖެހުމަށް އެއްވެސް ޕާޓީއަކުން ހޯދައިދިން ހައްލެއް ނެތް. ހާލަތު ބަދަލުކުރުމަށް ޕާޓީތަކަށް ބަރޯސާ ވެގެން ކުރި ތަޖުރިބާ ވަރަށް ހިތި. އެހެންވީމަ މިހާރު މިޖެހެނީ މިނޫން ގޮތެއް ހޯދަން.
ހަޤީޤަތަކީ، މިއަދު ރާއްޖޭގައި ނެތް ބުރަދަނެއް ހުރި ފަލްސަފާއަކަށް ބިނާވެފަ ހުރި ޕާޓީތަކެއް. ވަކިމީހެއްގެ މަސްލަހަތު ކުރިއަރުވަން ހަދާފައިވާ ޕާޓީތަކެއް މިހުރީ. ހަޤީޤީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވުން. އެކަމު އަދިވެސް މި ފެންނަނީ މަދު ބަޔަކު ސިޔާސަތުތައް ޑިކްޓޭޓްކުރާ ތަން. ޕާޓީގެ މަޖިލިސް މެމްބަރުންނަށް މުހިއްމު ވަނީ، އެ ޕާޓީއަކަށް ހަރަދުކުރާ މަހުޖަނުންގެ މަސްލަހަތު ރައްކާތެރިކުރުން. ރައްޔިތުންގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތްކުރުމުގެ ބަދަލުގައި ޕާޓީ މެންބަރުން ގިނަ ވަގުތު ހޭދަކުރަނީ ފައިދާ އެއް ނެތް ސިޔާސީ ކޯޅުންތަކުގައި. އެއް ޕާޓީއިން އަނެއް ޕާޓީއަށް ޖެއްސުންކުރުމުގައި.
އެކަނި އިދެގެންވާނީ ކޮންކަމެއްހޭ ބުނާއިރު ކޮންމެ މަޖިލިސް މެމްބަރަކީ 5000 މީހުންގެ އާބާދީ އެއް ތަމްސީލުކުރާ މީހެއް. ވަކިވަކި މެމްބަރުން ވޯޓުލައިގެން ގާނޫނު ހަދަނީ މުޅި ރާއްޖޭގެ އެންމެން އަމަލުކުރަން. އަމިއްލަ ކެންޑިޑޭޓެއްގެ ބާރެއް ނޯންނާނެއޭ ބުނާއިރު މި ބުނެވެނީ އެ ދާއިރާއެއްގެ 5000 މީހުންގެ އާބާދީއަކީ އެއްވެސް ބައެއް ނޫނޭތޯ؟ މިގޮތަށް ދޭހަވާގޮތަށް ވާހަކަދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް. އަމިއްލަ މެމްބަރަކު ވިޔަސް އަދި ޕާޓީއަކުން ވިޔަސް ރައްޔިތުންނަށް ފައިދާހުރި ކަމެއްގައި އެއްކޮށް މަސައްކަތް ނުކުރެވޭނެ ސަބަބެއް އަހަންނަކަށް ނުވިސްނޭ.
އަހަރެން ބޭނުންވަނީ، ސިޔާސީ ޕާޓީތަކަކީވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭ ބަޔަކަށް ހެދުން. މި ކަންތައް ކުރެވޭނީ ޕާޓީ އެޖެންޑާ ޕްރޮމޯޓްކުރުމުގެ ބަދަލުގައި، ރައްޔިތުންގެ އެޖެންޑާ ޕްރޮމޯޓްކޮށްގެން. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ބޭނުމަކީވެސް ޖަވާބުދާރީކުރުވުން. އަހަރެން މަޖިލީހުގަ ސުވާލު ކުރާނަން. މުއައްސަސާތަކާ ވަޒީރުންނަށާ ދައުލަތުގެ ކުންފުނިތަކާވެސް ސުވާލުކުރާނަން. ހުރިހާ ރައްޔިތުންނަށް ޖަވާބުތައް ހޯދަ ދޭނަން.
އަހަރެން މަޖިލީހަށް ނުކުތް އަނެއް ސަބަބަކީ މަޖިލިސް ކަހަލަ އާބާދީ ތަމްސީލްވާން ޖެހޭ ތަނެއްގަ އަންހެނުން މަދުކަމުން. 18ވަނަ މަޖިލިހުގަ ތިބީ 85 މެމްބަރުންގެ ތެރޭން އެންމެ ފަސް އަންހެނުން. އެވެސް ކޮންމެސް ބޮޑު އާއިލާއެއް ނޫނީ ވިޔަފާރި ވެރިއަކާ ގުޅުންހުރި މީހެއް. އާންމު އަންހެން މީހާ ތަހައްމަލު ކުރާ ދަތި ތަކުގެ ވާހަކަ ދައްކަން އެނގޭނެ އަންހެނުން މަޖިލީހުގައި ވީހާވެސް ގިނަކުރަން އަހަރެން ބޭނުން. އަހަރެމެން އަންހެނުންގެ އަޑު ގަދަ ކުރަން ޖެހޭ އެބަ. މިއީ އާބާދީގެ ދެބައިކުޅަ އެއްބައި.
މަޖިލީހަށް ހޮވުމަށްފަހު"ދާއިރާއާ ރައްޔިތުންނަށް" ޓަކައޭ ބުނެ ޕާޓީއަކަށް ސޮއިކޮށްފާނަންތޯ؟
އަހަންނަށްވެސް ކޮންމެސް ޕާޓީއަކާ ގުޅިގެން ކުރިމަތި ލެވުނީސް. އަހަރެންގެ އާއިލާގަ ރައްޓެހިންގެ ތެރޭގައި ޕާޓީތަކަށް ނިސްބަތްވާ މީހުން ވަރަށް ގިނަ. އެހެން ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ކުރިމަތި މިލަނީ އަހަރެންގެ ފިކުރު މިހާރު ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކުގެ ފިކުރާ ވަރަށް ތަފާތުވީމަ.
އަހަރެން ބޭނުންވަނީ މުއްސަދިން އިތުރަށް މުއްސަދިވާން ހަދާފައި ހުރި ސިޔާސަތު ބަދަލުކޮށް އެންމެންގެ އިޤްތިސާދެއް ހޯދަން. ހުރިހާ ރައްޔިތުންނަކީ މަދު މަހުޖަނުން ކޮޅަކަށް މަސައްކަތް ކޮށްދޭ ބައެއްގެ ބަދަލުގައި މަސައްކަތްތެރިންގެ ސިނާޔަތްތައް އުފެދުން. އަހަރެން ޤަބޫލްކުރަނީ އިޤްތިސާދުގެ މައިނާރަކީ އިޤްތިސާދު ހިންގާ މަސައްކަތްތެރިންކަމަށް. ވަޒީފާގެ ރައްކާތެރިކަމާއި ހަމަޖެހިގެން ދިރިއުޅެވޭވަރުގެ އުޖޫރަ އެއް ލިބި، އާއިލާއާ އެކު ހިތް އުފާކޮށް އުޅެވޭނެ ހެޔޮހާލުގައި އުޅޭ މުޖުތަމައެއް ބިނާކުރަން ޖެހޭކަމަށް. ތޮއްޖެހުން ކުޑަކޮށް ލާމަރުކަޒީ ނިޒާމަކުން ރައްޔިތުންގެ ބާރުވެރި ކުރަން ޖެހޭ ކަމަށް.
މިކަންކަން ކުރުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ޕާޓީއެއް ނެތްކަން ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފު. ވޭތިވެދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި މިކަން އަހަރެމެން އެންމެންގެ ލޯ ކުރިމަތިން ފެނުނީ ނުފޫޒު ގަދަ އާއިލާތަކާ މަދު މަހުޖަނުން ކޮޅެއް ޕާޓީތައް ޑޮމިނޭޓް ކުރާތަން. ވަކި މިއޭ ބުނެ ތަފާތު ކުރާނެ އެއްވެސް ޕާޓީއެއް ނެތް. އެހެންވީމާ ހަމަ ޔަގީނުންވެސް ރައްޔިތުންނަށް ފައިދާވާނެ ޕާޓީއެކޭ ބުނެ އަހަރެން ގުޅޭނެ ޕާޓީއެއް ރާއްޖެއަކު ނެތް. އަހަރެން ހުންނާނީ މިނިވަން މެމްބަރެއްގެ ގޮތުގައި އަދި ޖަވާބުދާރީ ވާނީ ރައްޔިތުންނަށް.
ނިއްމާލަމުންވޯޓްލާ މީހުންނަށްބުނެލާނީ ކީކޭ؟
ބުނެލަން ބޭނުމީ އަހަރުމެން ދެޕާޓީގެ ކެޑިޑޭޓުންވެސް ތަޖުރިބާ ކޮށްފީމޭ. ބޭނުންވި ބަދަލެއް ނުފެނުނޭ. އެކަމު އަހަރުމެންނަށް އުންމީދު ކަނޑާލައިގެން ތިބެވޭކަށްވެސް ނެތޭ. ކަމެއް ރަގަޅު ކުރެވޭނީ އެންމެންވެސް ގަދަ އަޅާ މަސައްކަތްކޮށްގެން. މިފަހަރު އެބަ ނުކުމޭ 6 ކެޑިޑޭޓުން. ހުރިހާ ކެޑިޑޭޓުންނަކީ ވެސް ކޮން ބައެއް ކަން އެނގި، ރަގަޅު ސިޔާސަތުތަކެއް ދައްކާފައިވަނީ ކާކުކަމާ އެފަދަ ގާބިލުކަމެއް ހުރީ ކާކުގަތޯ ބެލުމަށްފަހު ވޯޓުލާށޭ. އެންމެ މުހިއްމީ ވޯޓްލާން ނުކުތުން. 6 އޭޕްރިލްގައި އެންމެންވެސް ނުކުމެ ވޯޓްލާން ޖެހޭ. މި ވޯޓަކީ އަދުގެ ހާލަތު ރަގަޅުކޮށް އަންނަން އޮތް ޖީލުތައް ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ލެވޭ ވޯޓެއް. އިންސާﷲ ރަގަޅުވާނެ. އުއްމީދުކުރަނީ ތަފާތު ދައްކަދޭނެ ފުރުސަތެއް ދިނުމަށް. އަހަރެން މަސައްކަތް ކުރާނީ މަދު ބަޔަކަށް ނޫން. ހުރިހާ ރައްޔިތުންގެ މަސްލަހަތުގަ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް