ލޭނުގެ މަސްވެރިކަމުގެ ހުއްދަތައް ބާތިލްކޮށްފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ފިޝަރީޒް މިނިސްޓްރީން ބާތިލްކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހުއްދަތައް ބާތިލްކުރުމަށް ނިންމީ ލޭނުގެ މަސްވެރިކަމުގައި އެތަކެއް ގަވާއިދާއި ޚިލާފު ކަންތައްތައް ހިނގައި، އެކަން އީޔޫގެ ސަމާލުކަމަށްވެސް އައިސްފައިވާތީކަމަށެވެ.
އެގޮތުން ކަނޑުމަތީގައި އެއް އުޅަނދުން މަސް ބަދަލުކުރުމުގައި މިފަދަ ބޯޓްތައް ހަރަކާތްތެރިވުމާއި، އިންސާނީ ވަގުފާރި ހިންގުމާއި، އެ ބޯޓުތަކުގެ މަންފާތައް އެހެން ފަރާތްތަކަށް ލިބުން ވަނީ ފާހަގަކޮށްފައެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ މަސް ޔޫރަޕަށް އެކްސްޕޯޓް ކުރުން މަނާކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީޔޫން ދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދޫކޮށްފައި ވަނީ ބޭރުގެ ފަރާތްތަކަށެވެ.
މިނިސްޓްރީއިން ބުނީ، ސަރުކާރުގެ ސިޔާސަތަކީ ލޭނު މަސްވެރިކަމުގެ ހުއްދަ ދޫކުރުމަށް މުޅިންއާ ގަވާއިދެއް އެކުލަވާލުން ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ލޭނުގެ މަސްވެރިކަން ކުރުމަށް ވެސް ދެން ހުއްދަ ދޭނީ ވަކި ފެންވަރެއްގައި ބަނދެފައިވާ ދިވެހި މަސް ދޯނިތަކަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް