އެލްޗޭ ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ
އެލްޗޭ ކޮޅަށް ލަނޑުޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 01 Apr 2023 | 21:48

ރަށުން ބޭރުގައި އެލްޗޭ ބަލިކޮށް ބާސެލޯނާ އިން އެއްވަނައިގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފި!

ސްޕެއިން ލަލީގާގައި މިރޭ ރަށުން ބޭރުގައި ފަސޭހަކަމާއި އެކު 4-0 ގެ ނަތީޖާއަކުން އެލްޗޭ ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބާސެލޯނާ އިންނެވެ. އަދި ފުރަތަަމަ ހާފުގެ 20 ވަނަ މިނެޓްގައި އެޓީމަށް ލީޑު ނަގައިދިނީ ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ އެޓީމުގެ އުރުގުއާއީ ޑިފެންޑަރު ރޮނާލްޑް އަރައުޖޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑު ފުޅާކޮށްދިނީ ޒުވާން ފޯވާޑް އަންސޫ ފާޓީއެވެ. މިއީ ފެރާން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިހާފުގައި އެލްޗޭ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ހަމަލާތަކެއް ބާސެލޯނާގެ ގޯލަށް ފޮނުވާލި ނަމަވެސް ދެންވެސް ފެނިގެންދިޔައީ ބާސެލޯނާގެ ލަނޑެކެވެ.

ދެވަަނަ ހާފްގެ 66 ވަނަ މިނެޓުގައި ގަވީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެވަންޑޮވްސްކީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ލެވަންޑޮވްސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒް އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 27 މެޗުން ބާސެލޯނާއަށް 71 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް