މާވެވަށް ވެއްޓުނު ގެރިއަށްވީގޮތް އެގޭތަ؟
ދޫދޫމަތިން ކިޔާ ވާހަކައެއްގައިވާ ގޮތުން އިހުޒަމާނުގައި މާލޭގައި ހުންނަ މާވެވަށް ގެރިއެއް ވެއްޓިއްޖެއެވެ. އަދި އެގެރި ނަގާނެ ގޮތަކާއިމެދު މީހުން ސައްލާކުރަން ފަށައިފިއެވެ.
އެޒަމާނަކީ ގެރިބަކަރި މާލޭގައި ގެންގުޅުނު ޒަމާނެވެ. އޭރު މީހުން ފެންވަރަން ގެންގުޅޭ ވެޔޮތައް މާލޭގެ އެކި ހިސާބުގައި ހުރެއެވެ. އޭގެ ތެރެއިންވެސް މާވެވާއި މުއިވެވަކީ މަޝްހޫރު ވެޔޮތަކެވެ. ކޮންމެއަކަސް ގެރި ނަގާނެ ގޮތަކާއިމެދުގައި ކަމާބެހޭފަރާތްތަކުން ސައްލާކުރުމުގެ ތެރޭ އެކިމީހުން އެކިޚިޔާލު ދެމުން ގެންދިޔައެވެ. ނަމަވެސް ވަކިގޮތަކަށް ނުނިމި މިސައްލާ ދިގުދެމިގެންދިޔައެވެ. އެކިމީހުން އެކިގޮތަށް ވާހަކަދައްކަމުން ގެންދަނިކޮށް މާވެވަށް ވެއްޓުނު ގެރި މަރުވެއްޖެއެވެ.

މަޖިލިސް ވަނީ މުޅިން ޚަރާބުވެފައި
މިހާރު ދިވެހި ރައްޔިތުންނަށްވެސް ދިމާވެފައި މިވަނީ މާވެވަށް ވެއްޓުނު ގެރިއަށް ދިމާވިފަދަ ހާލެކެވެ. އެކި ޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޒުވާބުކުރުމާއި ތަޅާފޮޅުމުގައި ވަގުތު ބޭކާރުކޮށްލާއިރު ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މުހިއްމު ކިތަންމެ ގާނޫނެއް ހެދިފައި ނެތެވެ. އެމްއެމްޕީއާރުސީގެ ކަރަޕްޝަންގެ ފައިސާ ގޯނިގޯނީގައި މަޖިލިސް މެންބަރުންނަށް ލިބިފައިވާކަމަށް ހާމަކޮށްފައިވަނީ ޚުދު މަޖިލިސް މެންބަރުންނެވެ. މިފައިސާ ނެގުމަށްފަހު މަޖިލިސް މެންބަރުންވަނީ ދިވެހި ބިން ބޭރުމީހުންނަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުގެނެސްފައެވެ. އުމުރުން 30 އަހަރު ވުމުން ރައީސްކަމާއި ނައިބުރައީސްކަމަށް ކުރިމަތިލެވޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއި މިފަދަ ކިތަންމެ ނޭދެވޭ އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަގުބޮޑު ކާރުތަކުގައި ދަތުރުކުރާއިރު، އަދި ކޮންމެ ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ދާއިރުގައި، އަދި އެމީހުންގެ އާއިލާއަށް ދާންދެން ބޭރުގެ މޮޅު ހޮސްޕިޓަލްތަކުން އާސަންދައިގެ ބޭރުން މެޑިކަލް އިންޝުއަރެންސް ލިބޭގޮތަށް ހަމަޖެހިފައިވާއިރު، އާދައިގެ ނިކަމެތި ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ އަގަޔާ އަތާ ދިމާނުވެއެވެ. ވަންނާނެ ރަގަޅު ބޯހިޔާވަހިކަމެއް ނެތިއެވެ.
ހާލަތު ބަދަލުކުރުމަށް މަޖިލިސް ނަޒާހަތްތެރިވާންޖެހޭ
ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށްޓަކާ ދެން އަންނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ވާންޖެހެއެވެ. އެހެންކަމަށްވުމާއެކު އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނިކުމެ ވޯޓުދޭންވީ ނަޒާހަތްތެރި ގާބިލް ކެންޑިޑޭޓުންނަށެވެ. ތިމާގެ ޕާޓީއިން ދައްކާ ކެންޑިޑޭޓަކީ ބުޅަލެއް ކަމަށް ވިޔަސް ވޯޓުލާނަމޭ ބުނާ އުސޫލު ދޫކޮށްލަން އެބަޖެހެއެވެ. ހާލަތު ބަދަލުކުރުމަށް ނިކުމެ ތިބި ކެންޑިޑޭޓުންގެ ތެރޭގައި މ. ދޮންކެޔޮގަސްދޮށުގޭ ޑރ އިބްރާހިމް ޝިޔާމް ހިމެނެއެވެ. އޭނާއަކީ މާވެޔޮ އަދި މުއިވެޔޮ އެދާއިރާއަކަށް ނިސްބަތްވާ މާފަންނު މެދު ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ މިނިވަން ކެންޑިޑޭޓެކެވެ. އޭނާއަކީ ކަނޑޫދޫ ކުޑަ އަލީގެ ޒަރީނާ އަލީ އާއި ކަނދޮޅުދޫ އަލީ ހަސަންފުޅުގެ ދަރިއެކެވެ. މައުލޫމާތު ކުށްކަމުގައި ނުވާނަމަ ކޮމްޕިއުޓަރ ސައެންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރި ފުރަތަމަ ދިވެއްސަކީ އޭނާއެވެ. އިގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޔޯކުން އޭނާ ޕީއެޗްޑީ ހާސިލްކުރީ 2018 ވަނައަހަރުގައެވެ.
ޝިޔާމް ގަބޫލުކުރާ ގޮތުގައި މަޖިލިސް ނަޒާހަތްތެރި ކުރުމަށްޓަކާ މަޖިލިސް މެންބަރުންގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން އަހަރަކު އެއްފަހަރު ހުށަހަޅަން ޖެހެއެވެ. އަދި މަޖިލިސް މެންބަރުންގެ މެދުގައި ކަރަޕްޝަން އަށަގަތުން ހުއްޓުވުމަށްޓަކާ ފިޔަވަޅު އަޅަން ޖެހެއެވެ. އޭގެތެރޭ މުޅި މުޖުތަމައުން ވެސް ކަރަޕްޝަން ނައްތާލުމަށް އަމާޒުކުރެވިގެން ނުހައްގު މުއްސަދިކަމަކީ ކުށަކަށް ހެދުމުގެ ގާނޫނެއް ވުޖޫދަށް އަންނަންޖެހެއެވެ. އަދި އިންކަމް ޓެކްސް ނެގުމުގެ ގާނޫނެއް ހަދައިގެން އިންކަމް ޓެކްސް ނެގުމަކީވެސް ކަރަޕްޝަން ކުޑަކުރުމަށް އެޅޭނެ ފިޔަވަޅެކެވެ.
ރައްޔިތުންނާއި ގާތުން ޚިދުމަތްކުރުން
މަޖިލިސް މެންބަރުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ޑރ ޝިޔާމް ބޭނުންވަނީ ދާއިރާގައި ރައްޔިތުންނަށްޓަކާ އޮފީހެއް ހުޅުވާށެވެ. ރައްޔިތުންގެ އެކި ކަންބޮޑުވުންތައް މެންބަރާއި ހިއްސާކުރުމަށް މިއޮފީސް ބޭނުންކުރެވޭނެއެވެ. އަދި އެއިރަކު މަޖިލިސްގައި ބަހުސްކުރެވެމުންދާ ބިލްތަކާއިބެހޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހާއި ހަމަޔަށް ގެންގޮސްދެވޭނެ ގޮތެއް ހަމަޖެއްސުމަށްޓަކައި، މަހަކު އެއްފަހަރު ޓައުން ހޯލް ބައްދަލުވުންތައް ބާއްވާ، ރައްޔިތުންނާ ބައްދަލުކުރުމަށްވެސް ޑރ ޝިޔާމް ބޭނުންވެއެވެ.
https://www.facebook.com/drShiyam2019/videos/289221225308878/
ބޯހިޔާވަހިކަމަށްޓަކާ ސޯޝަލް ހައުސިންގެ ގާނޫނެއް
ގާކޮށިން 2 މިލިޔަން ރުފިޔާއަށް ފްލެޓް ވިއްކުމަކީ ސޯޝަލް ހައުސިންއެއް ނޫނެވެ. ސޯޝަލް ހައުސިން އަކީ މުޖުތަމައުގައި ބޯހިޔާވަހިކަން އެންމެ ބޭނުންވެފައި ތިބި މީހުންނަށް އަތްފޯރާ އަގެއްގައި ލުއިފަސޭހަކަމާއެކު ގޯތިގެދޮރު ލިބޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމެވެ. ބޯހިޔާވަހިކަމަކީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ށ. ގައި ދިވެހި ކޮންމެ ރައްޔިތަކަށް ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. ވީމާ ރަގަޅު ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ އޭރަކު އޮންނަ ސަރުކާރެއްގެ ޒިންމާއެކެވެ. ސޯޝަލް ހައުސިން ގާނޫނެއް ހެދުމަށްޓަކާ ބިލެއް ހުށަހެޅުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރު ނުކުޅެދޭނަމަ ސަރުކާރު ޖަވާބުދާރީކުރުވުމަކީ ޑރ ޝިޔާމްގެ ވައުދެކެވެ.
ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކޮށް ދިނުން
ރާއްޖޭގައި ރައްޔިތުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ޚިދުމަތް ހޯދަން އުޅޭއިރު ވަރަށް ގިނަ ތަކުލީފުތަކާއި ދިމާވެއެވެ. އެތައް ފޯމުތަކެއް އެތައް ފަހަރަކު ފުރައިގެން ނޫނީ ގިނަފަހަރަށް ޚިދުމަތެއް ނުލިބެއެވެ. އައިޑީކާޑުގެ ކޮޕީ ހަދައިގެން އެތައް އޮފީހަކަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ މިޒަމާނުގައި މިފަދަ ތަކުލީފުތައް ރައްޔިތުން އުފުލާކަށް ނުޖެހެއެވެ. ޓެކްނޮލޮޖީގެ ދާއިރާއިން 23 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޑރ ޝިޔާމް ބޭނުންވަނީ މިހާލަތު ބަދަލުކުރުމަށެވެ. ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ގާނޫނުތައް ހެދުމާއި، އެކަމަށް ސަރުކާރަށް ބާރުއެޅުމަކީ މަޖިލީހަށް ހޮއްވަވައިފިނަމަ ޑރ ޝިޔާމް ކުރާނެ ކަމެކެވެ. ފާމަސީތަކުގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ބޭސްތައް ބައެއްފަހަރު ލިބެންނުހުރުމަކީ ވެސް ޑރ ޝިޔާމްގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރުމަށްޓަކައި، ކޮންމެހެން ހުންނަން ޖެހޭ ބޭސް ސްޓޮކްގައި ބެހެއްޓުން ސަރުކާރަށް ލާޒިމްކުރާ އަދި އެކަން ނުވާނަމަ ކަމާބެހޭ ފަރާތްތައް ކުށްވެރިވާނެގޮތަށް ގާނޫނެއް ހެދުމަކީ ޑރ ޝިޔާމްގެ އުއްމީދެކެވެ.
މާފަންނު މެދުދާއިރާއަށް މިފަހަރު ޗޮއިސްއެއް އެބައޮތް!
މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް މިފަހަރު ޗޮއިސްއެއް އެބައޮތެވެ. ވޭތުވެދިޔަ 10 އަހަރުތެރޭ ދާއިރާގެ ރައްޔިތުންވަނީ ތަފާތު ދެޕާޓީއަކަށް ނިސްބަތްވާ މެންބަރުން މަޖިލީހަށް ހޮވާފައެވެ. ނަމަވެސް ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނާއުއްމީދުވެފައެވެ. މިފަހަރު ނަޒާހަތްތެރި ގާބިލް މީހަކު މަޖިލީހަށް ހޮވަން ބޭނުން ރައްޔިތުންނަށް ޗޮއިސްއެއް އެބައޮތެވެ. އެއީ މިނިވަން ކެންޑިޑޭޓެއްކަމަށްވާ ޑރ އިބްރާހިމް ޝިޔާމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް