ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރުމަށްޓަކައި ކޮންސްޓަބަލް މަޤާމަށް މީހުން ހޯދުމަށް ދިވެހި ފުލުހުންގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15,500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8,990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6,510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުންކުރި އިއުލާނުގައި ވަނީ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތައްވެސް އާންމުކޮށްފައެވެ. މަގާމުތަކަށް މީހުން ހޮވަނީ ތަފާތު އެކި ޓެސްޓްތަކާއި އެސެސްމެންޓްތައް ކުރިއަށް ގެންދިއުމަށްފަހުގައެވެ. އޭގެ ތެރޭގައި ބެކްގްރައުންޑް އެސެސްމެންޓާއި، ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓާއި، އެޕްޓިޓިއުޑް ޓެސްޓާއި، އިންޓަވިއު އަދި މެޑިކަލް އެގްޒަމިނޭޝަން ހިމެނެއެވެ.
ފުލުހުންގެ ހިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އަންނަ އަހަރުގެ ތެރޭގައި ގިނަ މަރުކަޒުތަކެއްގެ މަސައްކަތް ނިމޭނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް