ނަޕޯލީގެ ސަޕޯޓަރުން
ނަޕޯލީގެ ސަޕޯޓަރުން
ކުޅިވަރު 05 May 2023 | 04:15

ޗެމްޕިއަން ނަޕޯލީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ!

އިޓާލިއަން ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި 1-1 ގެ ނަތީޖާއަކުން އުދިނޭޒީއާއި އެއްވަރުވެ، ލީގު ޗެމްޕިއަންކަން ނަޕޯލީ އިން ކަށަވަރުކުރުމާއި އެކު އެކުލަބުގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފިއެވެ.

މިއީ އެކުލަބުގެ 96 އަހަރުވީ ދިގު ތާރީޚްގައި ލީގު ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ ޑިއޭގޯ މަރަޑޯނާގެ މޮޅު ކުޅުމާއި އެކު 1987 އަދި 1990 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިއީ ފާއިތުވެދިޔަ 33 އަހަރު ތެރޭގައި ލީގު ޗެމްޕިއަންކަން އެޓީމަށް ހޯދުނު ފުރަތަމަ ފަހަރެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ 5 މެޗު އޮތްއިރު، 33 މެޗު ކުޅެގެން ނަޕޯލީއަށް ވަނީ 80 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ލާޒިއޯއަށް 33 މެޗު ކުޅެގެން 64 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ފަސް މެޗުން މޮޅުވިޔަސް އެޓީމަށް އެންމެ ގިނަވެގެން ހަމަކުރެވޭނީ 79 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަަމަ ހާފުގެ 13 ވަނަ މިނެޓުގައި އުދިނޭޒީގެ މިޑްފީލްޑަރު ސޭންޑީ ލޮވްރިކް ލަނޑެއް ކާމިޔާބުކޮށް ފުރަތަަމަ ހާފުގައި އެޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް ނަޕޯލީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް ވިކްޓާ އޮސިމްހެން އެވެ. މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ.

މި މެޗުން އެއްވަރުވެ ނަޕޯލީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވުމާއިއެކު އެޓީމުގެ ކޯޗު އުމުރުން 64 އަހަރުގެ ލޫސިއާނޯ ސްޕަލެއްޗީއަށް ވަނީ އިޓާލިއަން ލީގު ކާމިޔާބު ކުރި އެންމެ ދުވަސްވީ ކޯޗުގެ ޝަރަފް ލިބިފައެވެ.

މިސީޒަނުގައި އާދަޔާޚިލާފު މޮޅުކުޅުމެއް ދައްކަމުން އަންނަ ނަޕޯލީގެ ސަޕޯޓަރުން އެޓީމުގެ ކާމިޔާބީ ފާހަގަކުރުމަށް މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންދާއިރު، ލީގު ޓްރޮފީ އެޓީމާއި ހަވާލުކުރުން އޮންނާނީ މިހަފްތާގެ އާދީއްތަ ދުވަހު އެޓީމުގެ ދަނޑުގައި ފިއޮރެންޓީނާ އާއި ދެކޮޅަށް ކުޅޭ މެޗަށް ފަހުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް