ރޯޔަލް ޔޫނިއަން އާއި ލިވަޕޫލު ވާދަކުރި މެޗުގެ ތެރެއިިން
ރޯޔަލް ޔޫނިއަން އާއި ލިވަޕޫލު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 06 Oct 2023 | 03:23

ޔޫރޮޕާ ލީގު: އަމިއްލަ ދަނޑުގައި ރޯޔަލް ޔޫނިއަން އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގު ގްރޫޕް އީގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ރޯޔަލް ޔޫނިއަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލު އިން ގްރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ލިވަޕޫލުން މޮޅަށް ކުޅެ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހް އާއި އުރުގުއޭގެ ފޯވާޑް ޑާވިން ނުނޭޒް އަށް ލިބުނު ހުސް ފުރުސަތުގެ ހުރަހަކަށްވީ ރޯޔަލް ޔޫނިއަންގެ ލަކްޒެމްބަރގް ކީއްޕަރު އެންތޮނީ މޮރިސް އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލޭންޑްސް މިޑްފީލްޑަރު ރަޔާން ގްރެވެންބަރޗް އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު އެލެގްޒެންޑަރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ލިވަޕޫލު އިންނެވެ. އަދި މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ހުސް ފުރުސަތެއް ތަނަވަސްކޮށްފައެވެ.

މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއެގޯ ޖޯޓާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ ލިވިޕޫލު އެވެ. އަދި މިމެޗުން ބަލިވި ރޯޔަލް ޔޫނިއަން އަށް ދެމެޗު ކުޅެގެން އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް