190 ކުދިން މަރާލި ކެންޔާ މީހަކު 200 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ކެންޔާގެ ޑޫމްސްޑޭ ކަލްޓެއްގެ ލީޑަރެއް 190 ކުދިން މަރާލި ކަމުގެ ކުށް ސާބިތުވެ 200 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ކެންޔާގެ މޮބާސާ ސަރަހައްދުގެ ކޯޓަކުން ވަނީ، އޭނާ 100 އަހަރަށް އެކުދިން ބަނޑަށް ޖެއްސުމުގެ ކުށުގައާއި، 100 އަހަރަށް އެ ކުދިން މަރާލި ކުށުގެ މައްސަލާގައި އޭނާ ޖަލަށްލާން ހުކުމްކޮށްފައެވެ.
ޕްރޮސިކިއުޓަރުން ބުނި ގޮތުގައި، ޕޯލް މެކެންޒީ އާއި އޭނާގެ ގުޑް ނިއުސް އިންޓަނޭޝަނަލް ފައްޅިއިން ވަނީ، ކްރިސްޓިއަނުންގެ ޑޫމްސްޑޭ ސެކްޓްއެއްގެ ދަށުން އޭގައި ބައިވެރިވި އެކުދިންގެ ބެލެނިވެރިންނާއި އެމީހުންގެ ދަރިން ބަނޑުހައިހޫނުކަމުގައި މަރުވުމަށް އަމުރުކޮށްފައެވެ. ޕޯލްއާއެކު މަސައްކަތްކުރި މީހުން ވަނީ، މި ހަރަކާތުގެ ބައިވެރިންނަށް ބިރުދައްކާ ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަނިޔާކޮށް، އޭނާގެ އަމުރުތަކަށް ތަބާވުމަށް މަޖުބޫރުކުރުވާފައެވެ. އޭނާ ބައެއް މީހުން ފުން ނޫން ވަޅުތަކުގައި ވަޅުލާފައި ތިބިއިރު، އަނެއްބައި މީހުން ވަނީ ދިރިހުއްޓައި ވަޅުލާފައެވެ.
ފުލުހުންނަށް ލިބިނު ޝަކުވާތަކާއި ގުޅިގެން ޕޯލް ވަނީ 2023 ވަނަ އަހަރު ހައްޔަރުކޮށްފައެވެ. ޝަކަހޯލާ ޖަންގަލި ބަލައިފާސްކުރުމުގެ ތެރެއިން، ފުލުހުންނަށް ވަނީ 400 އަށްވުރެ ގިނަ ގަބުރުތައް އެތަނުން ހޯދިފައެވެ. ނަމަވެސް، އެތާނގައި ހުރި ގިނަ ހަށިގަނޑުތައް ވަރަށް ބޮޑަށް ކުނިވެފައި ހުރުމުގެ ސަބަބުން، ފުލުހުންނަށް ދެނެގަނެވިފައިވަނީ އެއިގެން 26 ހަށިގަނޑު އެކަންޔެވެ.
އާންމުންގެ ގިނަ ފަރާތްތަކުން ވަނީ، މި މައްސަލައާއި ގުޅިގެން ފުލުހުންނާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން، އޭނާ އާއި ބެހޭ މައުލޫމާތު ފުލުހުންނަށް 2017 ވަނަ އަހަރު ލިބުނު ނަމަވެސް، އޭނާ ފުލުހުން ހައްޔަރުކޮށް ފިޔަވަޅު އަޅައިފައިވަނީ 2023 ވަނަ އަހަރުގައެވެ. 2017 ވަނަ އަހަރުވެސް ފުލުހުން ވަނީ އޭނާ ދިރިއުޅޭތަން ބަލައިފާސްކޮށްފައެވެ. 2019 ވަނަ އަހަރު ކަމާބެހޭ ފަރާތްތަކުން ވަނީ ޕޯލްގެ ފައްޅި ބަންދުކޮށް، އެތަން ޝަކަހޯލާ ޖަންގައްޔަށް ބަދަލުކޮށްފައެވެ.
ޕޯލް ކުރިން މަސައްކަތް ކުރަމުންދިޔައީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައެވެ.
ފުލުހުންނަށް މީގެ ކުރިން ލިބުނު ޝަކުވާތަކާއި ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށް، "ބެއިލް" ގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް، އެއިގެ ފަހުން އޭނާ އަލުން ހައްޔަރުކޮށް، ފުލުހުން ވަނީ އޭނާ ހެދި ގަބުރުސްތާނުތައް ކޮނުމުގެ މަސައްކަތް ފަށާފައެވެ. މިދިޔަ މަހު އެކަނި 191 ގަބުރު ފެނިފައިވާއިރު، ކަމާބެހޭ ފާހަގަކުރި ގޮތުގައި، 200 އަށްވުރެ ގިނަ ގަބުރުތައް އަދިވެސް ނުކޮނި އެބަހުއްޓެވެ.
މި މަރުތަކުގެ އިތުރުން، ޕްރޮސިކިއުޓަރުން ބުނި ގޮތުގައި، އޭނާ ހައްޔަރުގައި ހުރިއިރުވެސް އެކި މީހުން ލައްވައި އޭނާ 52 މީހުން ކްބާ ބިންޒާރޯ ވިލެޖުގައި މަރާލާފައިވާ ކަމަށެވެ.
ޕޯލް ވަނީ މިހުރިހާ ތުހުމަތުތައް ވެސް ދޮގުކޮށްފައެވެ. ނަމަވެސް، ކޯޓުން ވަނީ މިހާރު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް، 200 އަހަރަށް އޭނާ ޖަލަށްލުމަށް އަމުރުކޮށްފައެވެ.
އެފްރިކާ ސަރަހައްދުގައި މިފަދަ ކަލްޓްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އާންމުންގެ ގިނަ ފަރާތްތަކުން ދަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް