ސެނެގާލްގެ ސަރަޙައްދަކަށް، ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި، 21 މީހުން މަރުވެއްޖެ
ސެނެގާލްގެ އުތުރުހުޅަނގު އައްސޭރިފަށުގެ ސަރަޙައްދަކަށް، ހިޖުރަވެރިންނާއި ރެފިއުޖީން ގޮވައިގެން ދަތުރުކުރި ކުޑަ ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން 21 މީހުން މަރުވެއްޖެއެވެ.
ސެނެގާލްގެ ދާޚިލީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގި ސަރަޙައްދުން މިހާތަނަށް 21 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އަދި މި ހާދިސާގައި އެކަކު ދިރިހުއްޓާ ސަލާމަތްކުރެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ގެއްލުނު އިތުރު މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށްގެންދާތީ، މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް ރަސްމީ އިދާރާތަކުން ހާމަކުރެއެވެ.
ޚަބަރުތައް ބުނާގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ސެނެގާލްގެ ވެރިރަށް ދަކާރާއި ސެއިންޓް-ލުއީސްއާ ދެމެދު އޮންނަ ލޫމްޕޫލް ކައިރީގެ ކަނޑުގެ ސަރަޙައްދަށެވެ. އަދި ބޯޓު ބަންޑުންޖަހާލުމުގެ ސަބަބުން ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި ގިނައީ އެ ސަރަޙައްދުގެ ކައިރި އަވަށްތަކަށް ނިސްބަތްވާ މީހުންނެވެ.
ހުޅަނގު އެފްރިކާގެ ޤައުމުތަކުގައި ދިރިއުޅޭ މީހުން، ދިރިއުޅުމުގެ ފުރުޞަތުތައް ހޯދުމަށް ޔޫރަޕަށް ދިއުމުގެ ބޭނުމުގައި ސްޕެއިންގެ ކެނެރީ އައިލެންޑްސްއަށް ކަނޑުމަގުން ދިއުމަށް ގިނަ ޢަދަދެއްގެ ހިޖުރަވެރިން ދަނީ މަސައްކަތްކުރަމުންނެވެ. ކުދި އަދި ބާ ބޯޓުފަހަރުގައި ކުރާ މި ނުރައްކާތެރި ދަތުރުތަކުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަމައެކަނި މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައިވެސް 600 އަށްވުރެ ގިނަ މީހުން ވަނީ ކަނޑުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ފުރާނަ ގެއްލިފައެވެ.
މި ދުވަސްވަރު ޣައިރުޤާނޫނީ ގޮތުގައި ސްޕެއިންގެ ސަރަޙައްދުތަކަށް ބޯޓުފަހަރުގައި އަންނަ ހިޖުރަވެރިންގެ ޢަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ޙާލަތު ކޮންޓްރޯލްކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެ ސަރަޙައްދުތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް