ރަޝިޔާއިން ހަމަލާދީފައިވާ ޔޫކްރެއިންގެ ގެއެއް: ފޮޓޯ/ ޓެލެގުރާމް
ރަޝިޔާއިން ހަމަލާދީފައިވާ ޔޫކްރެއިންގެ ގެއެއް: ފޮޓޯ/ ޓެލެގުރާމް
ދުނިޔެ 26 Aug 2024 | 07:04

ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާތަކުގައި 4 މީހުން މަރުވެ 37 މީހުން ޒަޚަމްވެއްޖެ

ލިޔުންތެރިޔާ

ފާޠިމަތު އިނާ ސަވާދު

ކިއޭވް (އޮގަސްޓް 25) - ޔޫކްރެއިންގެ އުތުރާއި އިރުމަތީ އަދި ދެކުނުގެ ސަރަހައްދަށް ރަޝިޔާއިން ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވެ 37 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާ އާއި އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އާދިއްތަ ދުވަހު ބުނެފި އެވެ.

ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ޓެލެގްރާމްގައި ކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ ޔޫކްރެއިންގެ ފްރޮންޓްލައިން ސަރަހައްދުތައް ކަމަށްވާ ޗެރްނިހިވް، ސުމީ، ޚަރްކިވް އަދި ޑޮނެޓްސްކަށް ރޭ ހަމަލާދީފައިވާ ކަމަށެވެ.

ރަޝިޔާއިން ޔޫކްރެއިންގެ ބޯޑަރު ސަރަޙައްދުތަކަށް ޙަމަލާތައް ދެމުން އަންނައިރު، ކިއެވް ވިދާޅުވީ މިމަހުގެ ކުރީކޮޅު ރަޝިޔާގެ ކުރުސްކް ސަރަޙައްދަށް ކުއްލި ގޮތަކަށް ހަމަލާދީ ވަދެފައިވަނީ މޮސްކޯއަށް މިފަދަ ޙަމަލާތައް ދިނުމުގެ ޤާބިލުކަމަށް ހުރަސް އެޅުމުގެ މަޤްޞަދުގައި ކަމަށެވެ.

"ގިނަ މިސައިލްތައް އެމީހުންގެ ޓާގެޓަށް ނުފޯރާ،" ކަމަށް ޔޫކްރެއިންނެ އަސއކަރިއްޔާއިންވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ރަޝިއާއިން ފޮނުވާލީ އިސްކަންދަރު-އެމް ބެލިސްޓިކް މިސައިލަކާއި އިސްކަންދަރު-ކޭ ކްރޫޒް މިސައިލަކާއި ހަ ގައިޑެޑް އެއާ މިސައިލް ކަމަށް ވައިގެ އަސްކަރިއްޔާއިން ވަނީބުނެފައެވެ.

އުތުރުގެ ސުމީ ސަރަހައްދަށް ދިން މިސައިލް ހަމަލާއެއްގައި އެކަކު މަރުވެ، ތިން ކުޑަކުދިންނާ އެކު އިތުރު 16 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީބުނެފައެވެ.

އިރުމަތީގެ ޚަރްކީވް ސަރަހައްދުގެ ގަވަރުނަރު އޮލެހް ސިނެހުބޯވް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަޝިއާގެ ހަމަލާތަކުގައި 13 މީހުން ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނީ ރަޝިޔާއިން ނުވަ ހަމަލާދޭ ޑްރޯން ފޮނުވާލާފައިވާއިރު، ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން މައިކޮލައިވް ސަރަހައްދުން އޭގެ ތެރެއިން އަށް ޑްރޯން ހަލާކުކޮށްލާފައިވާ ކަމަށެވެ.ކޭރްސަން ސިޓީގެ އަސްކަރީ އިދާރީ އެންމެ އިސްވެރިޔާ ރޯމަން މްރޮޗްކޯ ވިދާޅުވީ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ކޭރްސަންގައި ރަޝިއާގެ ހަމަލާތައް މުޅި ދުވަހު ދިން ކަމަށާއި އެ ހަމަލާތަކުގައި އެކަކު މަރުވެ އިތުރު ހަ މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް