ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
ރާއްޖޭގެ މަޝްހޫރު ޑައިވިން ސްޕޮޓެއްގައި ޑައިވަރުންތަކެއްގެ މެދުގައި ހަމަނުޖެހުމަކާ ގުޅިގެން އެ ހާދިސާގައި ހިމެނޭ "މޯލްޑިވްސް ލެޖެންޑް" ޓުއާ އޭޖެންސީގެ ލިވްއަބޯޑުގައި މަސައްކަތްކުރާ ޑައިވަރަކު މިއަދު ސަސްޕެންޑުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އދ. އަތޮޅުގައި އޮންނަ "ކުޑަރަހަ ތިލަ" ކައިރީގައި، ކަނޑުގެ 18 މީޓަރު އަޑީގައެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ "މޯލްޑިވްސް ލެޖެންޑް" އަދި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައެވެ.
އަދި ކަނޑުއަޑީގައި ބޭރުގެ ޑައިވަރަކާއި އިންސްޓްރަކްޓަރެއްގެ މެދުގައި ހިނގި މި ހަމަނުޖެހުމުގެ ތެރެއިން ޑައިވަރަކު އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.
އެހެންނަމަވެސް، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭތީއާއި އެފަދަ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަންކަން ބަލައިނުގަންނާނެތީ، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ނިމެންދެން އެ އުޅަނދުގެ ޑައިވަރު ސަސްޕެންޑު ކުރެވިފައިވާކަމަށެވެ. މީގެއިތުރުން، އެކި ގައުމުތަކުގެ، ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނާއެކު އޮންނަ އިތުބާރާއި އިހުތިރާމް ދެމެހެއްޓުމަށް އިސްކަންދޭކަން ފާހަގަކޮށް، މި މައްސަލަ މިހާރު ވަނީ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިކަމަށް އެ އޭޖެންސީން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެސޯސިއޭޝަނުން ވަނީ މައްސަލައިގެ ދެފުށް ފެންނަ، އިންސާފުވެރި ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލާފައެވެ.
އަދި ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވްކުރުމަށް ނުރައްކާތެރި ތަނެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ނުކުރުމަށްވެސް އެންބީއޭއެމްއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، އެންބީއޭއެމްއިން ވަނީ ރާއްޖޭގައި އޮންނަ ޑައިވިން ސިނާޔަތަކީ ދިވެހީންގެ ބުރަ މަސައްކަތާއެކު އުފައްދާފައިވާ ސިނާޔަތެއްކަން ވެސް ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް