"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރިކަން އިއުލާންކޮށް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫޢަކީ "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ފެށުނު މުހިންމު ފިޔަވަޅެކެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3،000 އަށްވުރެ ގިނަ ޒުވާނުންނަށް އަލަށް ވިޔަފާރި ފެށުމަށާއި މިހާރު ހިންގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ.
އަދި 1 ނޮވެންބަރު 2026 އިން ފެށިގެން މި ސްކީމްގެ ދެވަނަ ފިޔަވަހީގެ ފައިނޭންސިންގއަށް ވަނީ ހުޅުވާލާފައެވެ.
ޢުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ މި ސްކީމްގެ ދަށުން، އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު، ޖުމްލަ 5 އަހަރުގެ މުއްދަތެއް ފައިސާ ދެއްކުމަށް ލިބިގެންދާނެއެވެ.
މި ފައިނޭންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދީފައިވަނީ ބީއެމްއެލް ސްވައިޕް އެޕް (BML Swipe App) މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަން ހުށަހެޅޭނީ އެސްޑީއެފްސީގެ ޕޯޓަލްގައި ހިމަނާފައިވާ މާލީ ހޭލުންތެރިކަމުގެ އޮންލައިން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހުގައި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް