އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާއާ ގުޅިގެން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވަނީ އެމަނިކުފާނުގެ ފޯން ކޯލްތަކެއް ކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކެއް ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައެވެ.
ނަމަވެސް، ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވަނީ އެ ރެކޯޑިންތައް ޝަރީއަތަށް ބަލައިނުގަތުމަށް އެދިވަޑައިގެންފައެވެ.
މި ހުށަހެޅުމާ މެދު ގޮތެއް ނިންމަވަމުން ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ކަނޑައެޅުއްވީ އެ އޯޑިއޯތައް ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ބަލައިގަތުމަށެވެ.
ދަށު ކޯޓުގެ މި ނިންމުން ބާތިލުކުރުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެގޮތުން ޔާމީންގެ ފަރާތުން ކޯޓުގައި އިސްތިއުނާފްކުރީ، އެ އޯޑިއޯތައް ޝަރީއަތަށް ބަލައިނުގަތުމުގެ އިތުރަށް މި ކަމުގައި އުސޫލުތަކެއް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް، އިސްތިއުނާފީ މި މައްސަލަ ކޯޓަށް ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައެވެ.
ހައިކޯޓުގެ ގަވާއިދު ބަޔާންކުރާ ގޮތުން، ރަޖިސްޓްރާގެ މިފަދަ ނިންމެވުންތަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ހައްގު އަދިވެސް ރައީސް ޔާމީންއަށް ލިބިގެންވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލާގެ ޝަރީއަތުގައި އެ މަނިކުފާނުގެ ދިފާއީ ހެކިތައް އަދި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުންވަނީ ނިންމާފައެވެ.
މީގެ އިތުރުން ދައުލަތުން ހުށަހެޅި 21 ހެކިން ބަަލައި ނުގަތުމަށް ދިފާއުން އެދުނު އެދުމުގެ ތެރެއިން އަހުމަދު ނާޒިމުގެ ހެކި ނޫނީ ހުރިހާ ހެކިން ބަލައި ގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
އަދި އެއް އަމަލަކަށް ދެވަނަ ފަހަރަށް ދައުވާ ކުރަމުންދާތީ އެކަން ހުއްޓުވުމަށް އެދުނު އެދުންވެސް ޝަރީއަތަށް ބަލައި ނުގަތުމަށް ނިންމާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް