ޕެނަލްޓީގައި ބްރޭވް ޖެނެރޭޝަން ބަލިކޮށް ޖީޖީއެސްސީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
"އެސްޓީއޯ ޖޯޒީ އެމްވީ ފުޓްސަލް ޗެލެންޖް 2023" ގެ ފައިނަލްގައި ޖީޖީއެސްސީ އާއި ބްރޭވް ޖެނެރޭޝަން ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 3-4 ގެ ނަތީޖާއަކުން ބްރޭވް ޖެނެރޭޝަން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޖީޖީއެސްސީ އިން ހޯދައިފިއެވެ.
ޖީޖީއެސްސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަަމަ ޖާގަ 4-1 ގެ ނަތީޖާއަކުން ރަސްހިންނެ އެސްސީ ބަލިކުރުމަށްފަހު އެވެ. އަދި ބްރޭވް ޖެނެރޭޝަން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފަސޭހަކަމާއި އެކު 8-0 ގެ ނަތީޖާއަކުން ހައިޑްރާ އެސްސީ ބަލިކުރުމަށްފަހު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޖީޖީއެސްސީ އިންނެވެ. ފައިނަލުގެ މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ޖީޖީއެސްސީގެ އަހުމަދު ހަލީމް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަލީ އަލްސަން (ބްރޭވް ޖެނެރޭޝަން), އަބްދުالله ޖުނައިދު (ޖީޖީއެސްސީ), އަހުމަދު ހަލީމް (ޖީޖީއެސްސީ), އަބްދުالله ޝަފީއު (ޖީޖީއެސްސީ) އަދި އަހުމަދު ވިޖުދާން (ބްރޭވް ޖެނެރޭޝަން) އެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އަހުސަން ރަޝާދު (ރަސްހިންނެ އެސްސީ) އެވެ. އެންމެ މޮޅު ކޯޗަކީ އަހުމަދު އަހުސަން (ޖީޖީއެސްސީ) އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ސޮކާ ފޯ ލައިފް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ އަލީ އަލްސަން ( ބްރޭވް ޖެނެރޭޝަން) އެވެ. އޭނާ ވަނީ މި މުބާރާތުގައި 19 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދު ހަލީމް (ޖީޖީއެސްސީ) އެވެ.

މިމުބާރާތަކީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ލ.އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ތެރެއިން ކުށް މަދު މުޖުތަމައެއް ބިނާކުރުމަށް ބާރުއެޅުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އަދި މީގެ އިތުރުން މިއީ ޖޯޒީ އެމްވީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓިއޯ އެވެ. އަދި މިމުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވޮއިސް އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް