ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފް
ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފް
ކުޅިވަރު 09 Nov 2023 | 17:06

ރ.އަތޮޅު ކައުންސިލްގެ ފަރާތުން ފަލަސްތީނަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދިނުމަށް ނިންމައިފި

ރ. އަތޮޅު ކައުންސިލްގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކުރުމަށް ނިންމާފައި ވާކަމަށް އަތޮޅު ކައުންސިލްގެ ރައީސް ހުސެން ނަސީފް ވިދާޅުވެއްޖެއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފް "ވޮއިސް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މުޅި ރ. އަތޮޅުގެ ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ ހާލުގައި ޖެހިފައިތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްލައްކަ ރުފިޔާ ހަދިޔާކުރުމަށް ނިންމާފައިވާކަމަށެވެ.

ނާސިފް ވިދާޅުވީ، ކައުންސިލުން ދޭން ނިންމި އެއްލައްކަ ރުފިޔާގެ އިތުރުން މިމަހު 4 އިން 9 އަށް ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދެވުނު އަންހެން ހޭންޑްބޯލް މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔަވަގުތުތަކުގައި މެޗު ކުޅޭ ސަރަހައްދުގައި ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބެހެއްޓުނު ފަންޑުފޮށިން 5،179 ރުފިޔާ ލިބިފައިވާ ކަމަށެވެ. މި ފަންޑު ފޮށި ބެހެއްޓުމާއި، ބެލެހެއްޓުން ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދިޔައީ އަތޮޅު ކައުންސިލުގެ "އަރުތަ ރެކްރިއޭޝަން ކުލަބު" އިންނެވެ.

ނާސިފް އިތުރަށް ވިދާޅުވީ، މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުނު ހޭންޑްބޯލް މުބާރާތަކީ، "ފަލަސްތީނަށް އެހީތެރިވަމާ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދެވުނު މުބާރާތެއް ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި މި އަތޮޅުގެ 4 ރަށަކުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް އަހަރުގައި މިއަށްވުރެ ގިނަ ރަށްތައް ބައިވެރިކޮށްގެން މިއަށްވުރެ ފުރިހަމަ މުބާރާތެއް ބޭއްވުމަކީ އަތޮޅު ކައުންސިލުގެ ވަރަށް ބޮޑު އުންމީދެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް