ރައީސަށް މަރުގެ އިންޒާރު ދިނުން: މަސީހުގެ ބަންދަށް 10 ދުވަސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު އިސްލާހު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންގެވުމާއި ގުޅިގެން މީހަކު ވަނީ ސޯޝަލް މީޑިއާގައި ރައީސަށް މަރުގެ އިންޒާރު ދީފަ އެވެ. "މަސީހް މޫސާ" ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ވަނީ "އެންމެ ފުރަތަމަ މި --- މަރާލަން ޖެހޭ" ކަމަށް ބުނެ ރައީސް މުޢިއްޒުއަށް އިންޒާރު ދީފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ރޭ ވަނީ އޭނާ ހައްޔަރުކޮށް ފޮޓޯއާ ވަނަވަރުވެސް އާންމުކޮށްފަ އެވެ.
* މަސީހު މޫސާ (25އ) މަލަސް / ތ. ތިމަރަފުށި
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އަދި އޭނާގެ ފޯނު ހިފަހައްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު އިސްލާހު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ވަނީ އަންގަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުވެސް އެފަދަ މައްސަލައެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލައެއް މިދިޔަ އަހަރުވެސް ފުލުހުން ބެލި އެވެ.
އެ މައްސަލާގައި އެކަން ކުރި ގ. ސަންސަންގެއާގެ، ޢަބްދުالله މިޔާދު (40 އަހަރު) ހައްޔަރު ވެސް ކުރި އެވެ. އޭނާ ހައްޔަރު ކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށް ނިސްބަތްކޮށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. އަދި އެ މައްސަލާގައި ދައުވާ އުުފުލާފައެއް ނުވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް