ބޮޑުޗުއްޓީގެ ދުވަސްތައް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައަޅައިފި
ސްކޫލް ކުދިންގެ ބަންދު ދުވަސްތަކުގައި ހިމެނޭ ބޮޑު ޗުއްޓީގެ ދުވަސްތައް އެހެން ދުވަސްވަރަކަށް ބަދަލުކުރުމަށް ހުށައަޅައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މިހާރު ތައުލީމީ ކަލަންޑަރު އިންނަގޮތުން ދަރިންނާއި އެކު ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ މުވައްޒަފުންނަށް ނުލިބޭ ކަމަށެވެ.
އެގޮތުން ދަރިންނާއި އެކު ޗުއްޓީ ހޭދަނުކޮށްލެވޭތާ ދިހަ ބާރަ އަހަރު ވެފައިވާ ފަރާތްތައްވެސް ތިބިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިހާރު އެކެޑަމިކް ކަލަންޑަރު އިންނަ ގޮތުންނަމަ ދަރިވަރުންގެ ބޮޑު ޗުއްޓީ ލިބޭ ނޮވެމްބަރު އަދި ޑިސެމްބަރު މަހަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. މީގެ ސަބަބުން ގިނަ މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ރިސޯޓްތަކުން ފަސްޖެހެއެވެ. އެެހެންކަމުން ބައެއް ފަރާތްތަކުން ދަނީ ފަތުުރުވެރިކަމުގެ އޮފް ސީޒަންގައި ބޮޑު ޗުއްޓީ ބޭއްވުމަށް އެދެމުންނެވެ.
މިނިސްޓަރ އަލީ ވަހީދު އިތުރަށް ވިދާޅުވީ އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެނައުމަށް އެޑިއުކޭޝަނަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށާއި، އެ މިނިސްޓްރީން އެކަންތައް ކުރިއަށް ގެންދަވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް