އެމްޑީއެންގެ މެމްބަރުންނަށް ފިޔަވަޅު ނާޅާތީ އެމީހުންނަށް ހިތްވަރު ލިބިއްޖެ- ޑރ.ޖަމީލު
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެޖަމިއްޔާއަށް ފިޔަވަޅު އަޅާފައި ނުވާތީ ރިޕޯޓު ނެރުނު މީހުންނަށް ހިތްވަރު ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވެފައިމިވަނީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
"އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އެ ނުބައި ޢަމަލުކުރި ފަރާތްތަކަށް ހިއްވަރު ލިބިގެން ހިނގައްޖެ. ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް. ޤާނޫނީ ކުށަކަށް ޒިންމާކުރުވުން ލަސްވުމުން މި ޒާތުގެ ލާދީނީ ޢަމަލްތައް ފެތުރުމުގެ ބިރު ބޮޑު. މިއީ ޤައުމިއްޔަތަށް އޮތް ނުރައްކަލެއް" ޖަމީލްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އެމްޑީއެން މައްސަލަގާއި އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ބަލަމުންނެވެ. ނަމަވެސް މިހާރުގެ ޕޮލިސް ކޮމިޝަނަރަކީ އެ ޖަމިއްޔާގެ ކުރީގެ ބޯޑް މެންބަރެއްކަމުން މި މައްސަލަ ބަލައި ނިމެންދެން ކޮމިޝަނަރ ހަމީދު މަޤާމުން ދުރުގައި ހުރުމަށް އާންމުންގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
އެމްޑީއެން އުވާލުމަށް 124 އަށް ވުރެ ގިނަ ކައުންސިލުތަކުން ގޮވާލާފަައިވާއިރު، ސަރުކާރުން އަދިވެސް އެޖަމިއްޔާ އުވާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް