ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން ބިލާހަކަށް ހަދާނަން: ޤާސިމް
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަނެއްކާވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.
އެގޮތުން ރޭ އދ.މާމިނގިލީ ގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅު ބިލާހަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން އެއީ ބިލާހަކަށް ހަދާނަން. އިރާދަކުރެއްވިއްޔާ އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަށް އެމަނިކުފާނަކަށް އެގޮތަކަށް ހާސިލެއް ނުކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.
ޤާސިމް މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅަކީ ކޮބައިކަމެއް ވިދާޅެއް ނުވެއެވެ. ބެލެވޭ ގޮތުގައި ޤާސިމް އިޝާރާތް ކުރެއްވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ބެހޭގޮތުންނެވެ.
މީގެ ކުރިން ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފައި ވާއިރު ޤާސިމް ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރޭގެ ޖަލްސާގައި ޤާސިމް ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ކޯލިޝަނުގެ ތެރެއިން 22 ގޮނޑި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ޤާސިމް ވަނީ އެފުރުސަތު ނަގާލެއްވީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑުމެން ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން އެއީ ބިލާހަކަށް ހަދާނަން އިރާދަކުރެއްވިއްޔާ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަށް އެމަނިކުފާނަކަށް އެގޮތަކަށް ހާސިލެއް ނުކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް