ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށް ކެއުމުގައި ބޭނުންކުރެވިދާނެ 5 ބާވަތެއް
ފުރަމޭގައި ސަރުބީ ޖެހުން ނުވަތަ "ފެޓީ ލިވަރ ޑިޒީޒް" އަކީ މިއަދު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ކުރިމަތިވަމުން އަންނަ އާންމު ޞިއްޙީ މައްސަލައެކެވެ. ނަމަވެސް، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން ކެއުމަށް ބޭނުންކުރާ ތަކެތީގެ މުހިންމުކަން ގިނަ މީހުންނަށް ނޭނގެއެވެ. އަޅުގަނޑުމެން ކާބޯތަކެތީގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަސަރެއް ފޯރުވައެވެ.
މިކަމާ ގުޅޭގޮތުން، އެމެރިކާގެ ލޭކް އީރީ ކޮލެޖް އޮފް އޮސްޓިއޯޕެތިކް މެޑިސިން އިން ތަޢުލީމު ހާސިލުކުރައްވާފައިވާ، ފުރަމޭގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖޯސެފް ސަލްހަބް ވަނީ ފުރަމޭގައި ސަރުބީ ޖެހުމުން ދުރުހެލިވުމަށް އޭނާ ކެއުމުގައި ގަވާއިދުން ބޭނުންކުރައްވާ މުހިންމު ބާވަތްތަކެއް ހިއްސާކުރައްވާފައެވެ.
ޑރ. ސަލްހަބް ފާހަގަކުރެއްވި ގޮތުގައި، ފުރަމޭގައި ސަރުބީ ޖަމާވުމަކީ ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން، އިންސިއުލިން ރެސިސްޓެންސް އަދި އޮކްސިޑޭޓިވް ސްޓްރެސްއާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އެންޓިއޮކްސިޑެންޓްސް، ސިއްޙަތަށް ފައިދާހުރި ފެޓްސް، ވިޓަމިން ސީ، ފައިބަރ އަދި ޕޮލީފެނޯލްސް ގިނަ ކާބޯތަކެތި ބޭނުންކުރުމަކީ ފުރަމޭގެ މަސައްކަތްތަކަށް އެހީތެރިވެ، ސަރުބީ ޖަމާވުން މަދުކޮށްދޭނެ ކަމެކެވެ.
ތިރީގައި މިވަނީ ޑރ. ސަލްހަބް ފާހަގަކުރައްވާ މުހިންމު 5 ބާވަތެވެ:
1. ޞިއްޙަތަށް ފައިދާހުރި ސަރުބީ (ހެލްތީ ފެޓްސް)
ހުރިހާ ވައްތަރެއްގެ ސަރުބީއަކީ ފުރަމެޔަށް ގެއްލުންހުރި އެއްޗެއް ނޫނެވެ. އަންސެޗުރޭޓަޑް ފެޓްސް ހިމެނޭ ތަކެތި ކެއުމަކީ ފުރަމޭގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ޑޮކްޓަރު އިރުޝާދު ދެއްވަނީ ޒައިތޫނި ތެޔޮ (އޮލިވް އޮއިލް)، އަލްމަންޑް ފަދަ ނަޓްސް އަދި އެވަކާޑޯ ފަދަ ތަކެތި ބޭނުންކުރުމަށެވެ. މި ތަކެތީގައި ހިމެނޭ "މޮނޯއަންސެޗުރޭޓަޑް" އަދި "ޕޮލީއަންސެޗުރޭޓަޑް" ފެޓްސްގެ ސަބަބުން ހަށިގަނޑުގެ އިންފްލެމޭޝަން ކުޑަކޮށްދީ ފުރަމޭގެ މަސައްކަތްތައް ފުރިހަމަކޮށްދެއެވެ. ސެލަޑަށް ޒައިތޫނި ތެޔޮ އެޅުމާއި، ސްނެކެއްގެ ގޮތުގައި އަލްމަންޑް ކެއުމާއި، ޕާން ފޮއްޗެއްގެ މަތީގައި އެވަކާޑޯ އަޅައިގެން ކެއުމަކީ ފަސޭހައިން މި ފައިދާތައް ލިބިގަނެވިދާނެ ގޮތްތަކެކެވެ.
2. އޮމެގާ-3 ފެޓީ އެސިޑްސް ގިނަ ކާނާ
ފުރަމޭގައި ސަރުބީ ޖެހުމާ ދެކޮޅަށް މަސައްކަތްކުރުމަށް އޮމެގާ-3 އަކީ ވަރަށް މުހިންމު މާއްދާއެކެވެ. މިއީ ސަލްމަން، ރިތް މަސް އަދި ސާޑިން ފަދަ ތެޔޮ ގިނަ މަހުގެ ބާވަތްތަކުން ލިބޭ މާއްދާއެކެވެ. ގަސްގަހާގެހިން އޮމެގާ-3 ހޯދަން ބޭނުންނަމަ، ޗިއާ ސީޑްސް، ފްލެކްސް ސީޑްސް އަދި ވޯލްނަޓްސް އަކީ ވަރަށް ރަނގަޅު ބާވަތްތަކެކެވެ. ހަފުތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ސަލްމަން މަސް ކެއުމުން ނުވަތަ ހެނދުނުގެ ނާސްތާގައި އޯޓްމީލްއަށް ޗިއާ ސީޑްސް ކޮޅެއް އަޅައިގެން ބޭނުންކުރުމުން ވެސް ފުރަމެޔަށް ބޮޑު ބަދަލެއް އަންނާނެއެވެ.
3. ވިޓަމިން ސީ އެކުލެވޭ މޭވާ
ވިޓަމިން ސީ އަކީ ފުރަމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ޑޮކްޓަރު އިރުޝާދު ދެއްވަނީ ކީވީ، އޮރެންޖް އަދި ގްރޭޕްފްރުޓް ފަދަ މޭވާތައް ކެއުމުގައި ހިމެނުމަށެވެ. މީރު ރަހައެއް ހުންނަ މި މޭވާތަކަކީ ފުރަމޭގެ ސެލްތައް ހަލާކުވުމުން (އޮކްސިޑޭޓިވް ސްޓްރެސް އިން) ރައްކާތެރިކޮށްދޭ ބާވަތްތަކެކެވެ. ދުވާލަކު އެންމެ އޮރެންޖެއް ކައިލުމުން ވެސް މި ފައިދާ ހާސިލުކުރެވިދާނެއެވެ.
4. ކޮފީ އަދި ގްރީން ޓީ
ކާބޯތަކެތީގެ އިތުރުން ފުރަމެޔަށް ގިނަގުނަ ފައިދާތަކެއް ލިބޭ ދެ ބުއިމެއް ޑޮކްޓަރު ފާހަގަކުރައްވައެވެ. އެއީ ހަކުރާއި ކިރު ނާޅާ ބޯ ކަޅު ކޮފީ އާއި ގްރީން ޓީ އެވެ. މި ދެ ބުއިމުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ފުރަމޭގެ ސެލްތައް ހިމާޔަތްކޮށްދީ، ސަރުބީ މަދުކޮށްދެއެވެ. އަދި ގްރީން ޓީގެ ބާވަތެއް ކަމަށްވާ "މަޗާ" އަކީ ވެސް ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓެއް ކަމަށްވާ "ކެޓެކިންސް" ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. ދުވާލަކު ދޭތް ނޫނީ ތިން ތަށި ކަޅު ކޮފީ ބުއިމަކީ ބައެއް ހާލަތްތަކުގައި ފުރަމޭގައި ސަރުބީ ޖެހުމުން ސަލާމަތްވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
5. އެންޓިއޮކްސިޑެންޓްސް ގިނަ ބެރީޒް، އަންނާރު އަދި ކަދުރު
އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިވެފައިވާ ބްލޫބެރީ، ބްލެކްބެރީ، އަދި ރާސްބެރީ ފަދަ ބެރީގެ ބާވަތްތަކަކީ ފުރަމޭގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ އެންތޯސަޔަނިންސް އެކުލެވޭ ތަކެއްޗެވެ. މީގެއިތުރުން އަންނާރުގައި ހިމެނޭ ޕޮލީފެނޯލްސްގެ ސަބަބުން ހަށިގަނޑުގެ އިންފްލެމޭޝަން ކުޑަކޮށްދެއެވެ. ހަމައެއާއެކު، ޑޮކްޓަރު އެންމެ ގަޔާވާ އެއް ސްނެކަކީ ކަދުރާއި ވޯލްނަޓްސް އެކުގައި ކެއުމެވެ. މި ދެ ބާވަތް އެއްކޮށް ކެއުމުން ފުރަމެޔަށް ބޭނުންވާ ފައިދާތައް ދެގުނައަށް ލިބިގެންދެއެވެ.
ފުރަމޭގައި ސަރުބީ ޖެހުމުން ރައްކާތެރިވުމަށާއި ބަލިން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ ކެއުމުގެ ވައްޓަފާޅިއަށް މިފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް (1)
جزاك الله خيرا كثيرا