މީހުންގެ ދަރިންނަށް ފާޑު ކިޔުން- ދިވެހިންގެ ނޭދެވޭ ސިފައެއް
"ދަރިފުޅު ހާދަ ފަލަވެއްޖެއޭ.. މާ ގިނައިން ކާންދެނީ ދޯ؟ "
މިއީ ހަށިގަނޑު ތަންކޮޅެއް ދުޅަހެޔޮ ކުއްޖަކު ފެނުމުން، އެކުއްޖާގެ މަންމަ ނުވަތަ ބައްޕައަށް ނިސްބަތްކޮށް ބައެއް މީހުންނަށް ބުނެލެވޭ ބަސްކޮޅެކެވެ. ލޮލުގެ ކޮއި ފަދައިން ބަލަމުން އަންނަ ތުއްތު ކުއްޖަކު ފެނުމުން މިދެންނެވި ފަދަ އިބާރާތެއް ބޭނުންކޮށްލުމަކީ ދިވެހިންގެ ކަށީގައި ހިފާފައިވާ ވަަރަށް ނުރަނގަޅު އާދައެކެވެ.
އެއްވެސް މީހެއްގެ ދަރިއެއް ދެކެ، އެކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ލޯބިވާ ވަރަށް ލޯބިވާނެ އެހެން މީހަކު ހުރެދާނެ ހެއްޔެވެ؟ އެއީ ވަރަށް ނާދިރު ކަމެއް ނޫންތޯއެވެ؟ ތިބާގެ ދަރިން ދެކެ ތިބާއަށް ވުރެ ބޮޑަށް ލޯބިވާނެ އިތުރު މީހަކު ހުރެދާނެ ކަމަށް ޤަބޫލު ކުރަންހެއްޔެވެ؟
އެއްވެސް މަންމައެއް އަދި ބައްޕައެއް އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ވާކަށްވެސް ނޭދޭނެއެވެ. އަދި އެމީހެއްގެ ދަރިއަކަށް ދެރައެއް ލިބިދާނެ ފަދަ ކަމެއްވެސް ނުކުރާނެއެވެ. ދަރިއަކަށް ނިސްބަތްކޮށް މީހަކު ދެރަ ބަހެއް ބުނެފިނަމަ، މައިންބަފައިންގެ ހިތަށް އަސަރު ކުރަނީވެސް އެ ސަބަބުތަކާއި ގުޅިގެންނެވެ.
އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން އެކަން ހަނދާނެއް ނުހުރެއެވެ. ތުއްތު ކުއްޖަކު ފެނުމުން އެކުއްޖާގެ އެކި ކަންކަމަށް ފާޑު ކިޔަނީ މައިންބަފައިންގެ އިހުސާސްތަކާއި މެދު ނުވިސްނޭތީއެވެ.
މި ކުއްޖާ ހާދަ ކަޅޭ.. ހަމަ ހީވަނީ އޭނާގެ ބައްޕަހެން. " ކުއްޖާގެ ހަމުގެ ކުލައަށްވވެސް ފާޑު ނުކިޔާ ނުހުރެވޭ މީހުން ބުނަނީ އެހެންނެވެ.
އެފަދަ ބަސްތަކަކީ ދަރިންގެ މައިންބަފައިންނަށް ނިސްބަތްކޮށް ބުނަން އެންމެ އެކަށީގެންވާ ބަސްތަކެއް ނޫނެވެ. އެހެންކަމުން، މިދެންނެވި ފަދަ މޭރުމަކުން އެއްވެސް މަންމައެއް ނުވަތަ ބައްޕައަކާއި މުހާތަބު ކުރުމުގެ ކުރިން ވިސްނާލުން ބުއްދިވެރިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް