ޔުވެންޓަސް އާއި ސެވިއްޔާގެ މެޗު އެއްވަރުވެ، ރޯމާއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި!
ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަަމަ ލެގުގައި ބަޔާން ލެވަކޫސަން އާއި ވާދަކޮށް ރޯމާ މޮޅުވިއިރު، ޔުވެންޓަސް އާއި ސެވިއްޔާ ވާދަކުރި މެޗު އެއްވަރުވެއްޖެ އެވެ.
ރޯމާގެ ދަނޑުގައި ލެވަކޫސަން އާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޯމާގެ އިޓަލީ މިޑްފީލްޑަރު އެޑްއާޑޯ ބޯވް އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ރެމީ އަބްރަހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުވެންޓަސް ދަނޑުގައި މިރޭ ސެވިއްޔާއާ ދެކޮޅަށް އެޓީމު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޔުވެންޓަސް ކުޅުނު ނަމަވެސް މިހާފުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ސެވިއްޔާ އިންނެވެ.

މިގޮތުން ފުރަތަމަ ހާފުގައި އެޓީމުން 12 ހަމަލާއެއް ޔުވެންޓަސްގެ ގޯލަށް ފޮނުވާލިއިރު، އޭގެތެރެއިން ފަސް ހަމަލާއެއް ވަނީ ގޯލާއި އަމާޒުނުވެފައެވެ. ނަމަވެސް މިހާފުގައި ސެވިއްޔާގެ ގޯލާއި އަމާޒުކޮށް ޔުވެންޓަސްއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ސެވިއްޔާ އިންނެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ޔޫސެފް އެން ނެސީރީ އެވެ. މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލޫކަސް އޮކަމްޕޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔުވެންޓަސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގައެވެ. މި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ޑިފެންޑަރު ފެޑެރީކޯ ގައްޓީ އެވެ. މިއީ ދެވަަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އެޓީމުގެ ފްރާންސް މިޑްފީލްޑަރު ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޔޫރޮޕާ ލީގު ސެމީފައިނަލްގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ. ރަށުން ބޭރުގައި ރޯމާއާއި ލެވަކޫސަން ވާދަކުރާ މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލް ދިއުމުގެ ފުރުސަތު ރޯމާއަށް އޮތްއިރު، ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ސެވިއްޔާގެ ދަނޑުގައި ޔުވެންޓަސް އާއި ދެކޮޅަށް އެޓީމު ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް