އިލެކްޝަނުން އިންޑިއާ އާއެކު ހެދި އެއްބަސްވުން ސިޔާސީ ޕާޓީތަކަށް ދައްކައިލައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ހެދި އެއްބަސްވުންތައް، ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި ދައްކައިލައިފިއެވެ.
ރާއްޖެ ޓީވީން ރޭ ގެސްދިން ''ފަލަ ސުރުހީ'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ، އިންޑިއާ އާއެކު ހެދި އެއްބަސްވުން ދައްކައިލުމަށް އެނާ އިންޑިއާގައި ހުންނެވި އިރު، ސިޔާސީ ޕާޓީއެއްގެ ނައިބު ރައީސަކު މެސެޖަކުން އެދިވަޑައިގެންނެވި ކަމަށެވެ.
އެހެންވެ، މިދިޔަ ބުދަ ދުވަހު ސިޔާސީ ޕާޓީތަކާއި އިންތިހާބާއި ގުޅުން ހުރި ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާއާއެކު އެންމެ ފަހުން ހެދި އެއްބަސްވުންތައް ދައްކައިލާފައިވާނެ ކަމަށް އަކުރަމު ވިދާޅުވިއެވެ.
އަކުރަމު ވިދާޅުވީ އީސީން އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށާއި ހަމައެކަނި ސިއްރު ކުރަނީ އިންތިހާބުތަކުގައި ލާ ވޯޓު ކަމަށެވެ. ވޯޓުވެސް ވަގުތު ޖެހުމުން ސިއްރުނުކޮށް، ނަތީޖާ އިއުލާންކުރާ ކަމަށް ވިދާޅުވިއެވެ.
އިންޑިއާ އާއެކު ހެދި އެއްބަސްވުމުގައި އިންތިހާބީ ކަންކަން ފިޔަވައި އިތުރު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވިގޮތުގައި އިންޑިއާ އާއެކު ހެދި އެއްބަސްވުމުގައި ސޮއިކުރީ މައިގަނޑު ދެ ކަމެއްގެ މައްޗަށެވެ.
އެގޮތުން އީސީގެ މުވައްޒަފުންނަށާއި ސިޔާސީ ޕާޓީތަކަށާއި މީޑިއާވެސް ހިމެނޭ ގޮތަށް އެފަރާތްތަކަށް ތަމްރީނު ދިނުން ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ދެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުމެއް ކަމަށް އަކުރަމު ވިދާޅުވިއެވެ.
މީގެއިތުރުން އީސީގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަކީ 2011 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ގުޅގެން ހިންގަމުންދާ ޕްރޮގްރާމެއް ކަމަށްވެސް އަކުރަމު ވިދާޅުވިއެވެ.
އީސީން އިންޑިއާގެ އީސީ އާއެކު އެއްބަސްވުންތަކެއް ގާއިމު ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވުމުގައިވާ ކަންތައްތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އީސީއަށް ގޮވައިލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް