ސައިޕްރަސް ކޮޅަށް ލަނޑުޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ސައިޕްރަސް ކޮޅަށް ލަނޑުޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު 13 Sep 2023 | 02:05

ތަފާތުބޮޑު ނަތީޖާއަކުން ސައިޕްރަސް ބަލިކޮށް، ސްޕެއިން އޭގެ ދެވަނައަށް

ޔޫރޯ 2024 ގެ ކޮލިފައިން ގްރޫޕް އޭގައި މިރޭ ސައިޕްރަސް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕް އޭގެ ދެވަނައަށް ސްޕެއިނުން ކުރިއަށް ޖެހިލައިފިއެވެ.

މިވަގުތު ރަގަޅު ފޯމެއްގައި ކުޅެމުން އަންނަ ސްޕެއިނުން މިމެޗު ކާމިޔާބުކުރީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިއީ 1999 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައި 8-0 ގެ ނަތީޖާއަކުން ސްޕެއިން އަތުން ސައިޕްރަސް ބަލިވި ފަހުން މިދެޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ސްޕެއިނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރި އިރު، އެޓީމުން ވަނީ މިހާފުގައި ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗު 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ގަވީ އެވެ. މިއީ އެޓީމުގެ ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސްޕެއިނުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު މިކޭލް މެރީނޯ އެވެ. މިއީ ވެސް އެޓީމުގެ ނިކޯ ވިލިއަމްސް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ސްޕެއިނުން ވަނީ އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށް އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިހާފުގައި އެޓީމުގެ ބާސެލޯނާ ފޯވާޑް ފެރާން ޓޮރޭސް ދެލަނޑު ކާމިޔާބު ކުރި އިރު، ރެއާލް މެޑްރިޑްގެ ފޯވާޑް ޖޯސޭލޫ ގެ އިތުރުން ވިލަރެއާލްގެ މިޑްފީލްޑަރު އެލެކްސް ބައެނާ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަގައި ސްޕެއިން އޮތްއިރު، މިމެޗުން ބަލިވި ސައިޕްރަސް ކުލުނު ފަސް މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް