އަލް ނަސްރުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
އަލް ނަސްރުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު 14 Mar 2023 | 16:49

ރޮނާލްޑޯއާއި އެކު އަލް ނަސްރު ސައޫދީ ކިންގް ކަޕް ސެމީ ފައިނަލަށް!

ސައުދީ ކިންގް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އަމިއްލަ ދަނޑުގައި އަބާ 3-1 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރު މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މެޗު ފަށައިގެން ފުރަތަަމަ މިނެޓުގައި އަލް ނަސްރުގެ ސައޫދީ މިޑްފިލްޑަރު ސަމީ އަލް ނަޖެއި އެޓީމަށް ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދައިދިނެވެ. މިއީ އެޓީމުގެ ސައޫދީ ޑިފެންޑަރު އައްސުލްޠާން އަލް ޣަންނަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެޓީމުގެ ދެވަނަ ލަނޑު ފުރަތަަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލް އަލް ޚައިބަރީ އެވެ. މިއީ އެޓީމުގެ އައިވަރީ ކޯސްޓުގެ ޑިފެންޑަރު ގިސްލެއިން ކޯނާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަަމަ ހާފުގެ އިތުރު ވަގުތުގައި އަލް ނަސްރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެފްރީގެ ނިންމުމާއި ހިތްހަމަ ނުޖެހުންފާޅުކުރުމުން ރެފްރީ ރޮނާލްޑޯއަށް ރީނދޫ ކާޑެއް ދައްކާފައިވާ އިރު، ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފު ފެށިގެން 4 ވަނަ މިނެޓުގައި އަލް ނަސްރުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސައޫދީ ފޯވާޑް މުހައްމަދު މަރަން އެވެ. މިހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި އަބާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސައޫދީ ފޯވާޑް އަބްދުލް ފައްތާހު އާދަމް އެވެ.

މިދެޓީމު އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިިން 4 މެޗުން އަލް ނަސްރު މޮޅުވެފައިވާއިރު އަބާއަށް އެންމެ ފަހުން އަލް ނަސްރުގެ މައްޗަށް ކުރި ހޯދާފައިވަނީ 2020 ވަނަ އަހަރުއެވެ.

މިރޭ މެޗުން މޮޅުވެ އަލް ނަސްރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު މި މަހުގެ 18 ވަނަ ދުވަހު ސައޫދީ ލީގުގައި މި ދެޓީމު ވާދަކުރާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް