އަޒަރުބައިޖާނު ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރާ މައްސަލައިގައި މަލާލާ ހަނު
އަޒަރުބައިޖާނުގެ ސްކޫލުތަކުގައި ކިޔަވާ އަންހެން ދަރިވަރުންނާއި ޓީޗަރުން ބުރުގާ އެޅުން މަނާކުރަމުންދާ މައްސަލައިގައި، އަންހެން ކުދިންގެ ތަޢުލީމަށް ވަކާލާތުކުރާ އަދި ނޮބެލް ސުލްހައިގެ އިނާމު ހޯދާފައިވާ މަލާލާ ޔޫސުފްޒާއީ އެއްވެސް އެއްޗެއް ނުބުނެ ހަނުހުންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އަޒަރުބައިޖާނުގެ ސަރުކާރުން އެ ޤައުމުގެ ސެކިއުލާ އުސޫލުތަކާ ޚިލާފު ހެދުން އެޅުން މަނާކޮށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ ޤަވާއިދުގައި ސީދާ ބުރުގާގެ ނަން ބަޔާންކޮށްފައި ނުވި ނަމަވެސް، އެ ޤައުމުގެ ބައެއް ސްކޫލުތަކުން ވަނީ ބުރުގާ އަޅައިގެން ދިޔަ ދަރިވަރުންނާއި ޓީޗަރުން ކްލާސްތަކަށް ވަނުން މަނާކޮށްފައެވެ. މިކަމާ ގުޅިގެން އެ ޤައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ހިނގައި، ދަރިވަރުން ވަނީ ސްކޫލުތައް ބޮއިކޮޓް ވެސް ކޮށްފައެވެ.
އަފްޣާނިސްތާނުގައި ތާލިބާނުން އަންހެނުންގެ ތަޢުލީމަށާއި ހެދުން އެޅުމަށް އަޅާފައިވާ ހުރަސްތަކާ ދެކޮޅަށް މަލާލާ ވަނީ މީގެ ކުރިން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަޑުއުފުލައި، ”އަންހެނުންގެ ޙައްޤުތަކާއި“ އިޚްތިޔާރުގެ މިނިވަންކަމަށް ވަކާލާތުކޮށްފައެވެ. އެހެންނަމަވެސް، އަޒަރުބައިޖާނުގައި ހިނގަމުންދާ މި ހާދިސާތަކާ ގުޅިގެން އޭނާގެ ފަރާތުން މިހާތަނަށް އެއްވެސް ބަޔާނެއް ނުވަތަ ވާހަކައެއް ދައްކާފައެއް ނުވެއެވެ.
މަލާލާގެ މި ހަނުހުރުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަނީ، އޭނާ އަންހެނުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގައި ގެންގުޅޭ ހަމަހަމަކަމާމެދުގައެވެ. މަޖުބޫރުން ބުރުގާ އެޅުވުމާ ދެކޮޅު ހެދުމުގެ މިނިވަންކަން އަންހެނުންނަށް އޮންނަންޖެހޭ ކަމަށްބުނާއިރު، ބުރުގާ ބޭލުވުމަށް މަޖުބޫރުކުރުމާ ދެކޮޅަށް ވެސް އެ މިނިވަންކަން ލިބެން ނުޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް