ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ، ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާކަމުގެ މައުލޫމާތު 2026 އޮކްޓޫބަރު 13 ވަނަ ދުވަހުގެ ހަވީރު 17:28 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަދި އެވަގުތު ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު ސައިކަލު ވަނީ މޫދަށް ވެއްޓިފައެވެ. ނަމަވެސް، މި ހާދިސާގައި ސައިކަލުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަކީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، އެދުވަހުގެ ހަވީރު 17:47 އެހައިކަންހާއިރު ސައިކަލު ވަނީ މޫދުން ނަގައި ވެރިފަރާތާ ހަވާލުކޮށްފައެވެ.
ފުލުހުން ވަނީ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެން އަދި އުޅަނދު ދުއްވާ ފަރާތަށާއި ފަހަތުގައި އިންނަ ފަރާތަށް ދަތިނުވާނެހެން ރައްކާތެރިކަމާއެކު މުދާ އުފުލުމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް