މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ "މައުޟޫއު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ، ދޭންޖެހޭ މައުލޫމާތެއް ނުދީ ހިފަހައްޓާ ހާލަތްތަކުގައި އެ އިދާރާއަކަށް ވަދެ އެ މައުލޫމާތެއް ނެގުމުގެ އިޚްތިޔާރު ގާނޫނުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދީފައިވާ ކަމަށެވެ. އަދި މީގެ ކުރީ ދައުރެއްގައި އެފަދަ ތަޖުރިބާއެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
"އަޅުގަނޑު ކުރީ ދައުރުގަ ދައުލަތުގެ އިދާރާއަކަށް ވަދެ އެބޭފުޅުން މައުލޫމާތެއް ނުދެއްވަން އުޅުނީމަ އަޅުގަނޑު ގޮސް، ޤާނޫނުން ދިވިފައިވާ ބާރުގެ ބޭނުންކޮށްގެން ފައިލު ހާވައިގެން މައުލޫމާތު ނަގަންވެސް ނެގިން،" ކޮމިޝަނަރު ވިދާޅުވިއެވެ.
މީގެއިތުރުން ގާނޫނާ ޚިލާފުވާ ބައެއް މުއައްސަސާތައް ޖޫރިމަނާވެސް ކުރައްވާފައި ހުންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަށް އޮންނަ 21 ދުވަހުގެ މުއްދަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، އެ މުއްދަތުގެ ބޭނުން އެކި އިދާރާތަކުން ހިފަނީ އެކި ގޮތަށް ކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން 21 ދުވަސް ހަމަވަންދެން މަޑުކުރާއިރު، އަނެއް ބަޔަކު އެއްދުވަހުގެ ތެރޭގައި ވެސް ޖަވާބު ދޭކަން ފާހަގަކުރެއްވިއެވެ.
"ޤާނޫނުގަ ބުނަނީ އެކާވީސް ދުވަހުގެ ތެރޭގަ ޖަވާބު ދޭންވާނެ އިނގޭތޯ. ދެން ހަމަ ބައެއް މީހުން އަޅުގަނޑުމެންނަކަށް ނިހިފެހެއްޓޭނެ އެކާވީސް ދުވަހުގެ ވަންދެން ލަސްކުރިޔަސް އެއީ ގަސްތުގަ ލަސްކުރަނީ ކަމަކަށް ނުބުނެވޭނެ. އަނެއް ބަޔަކު މިސާލަކަށް ހަމަ އެއްދުވަހުގެ ތެރޭގަ ޖަވާބު ދެއްވިވެސްފާނެ،" ކޮމިޝަނަރު ވިދާޅުވިއެވެ.
އަދި ޤާނޫނުން ލިބިދޭ ލުޔެއްގެ ނުވަތަ މަފްހޫމެއްގެ ބޭނުންކޮށްގެން ކުރާ ކަންކަން ނުހިފެހެއްޓޭނެ ކަމަށާއި، ނަމަވެސް ގާނޫނާ ޚިލާފަށް ކަމެއް ކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ގާނޫނު މާނަކުރުމުގައި ޚިޔާލު ތަފާތުވުންތައް ހުރެދާނެކަން ފާހަގަކުރައްވަމުން އޭނާ ވަނީ ކޯޓުތަކުގައި ފަނޑިޔާރުންގެ މެދުގައިވެސް ރައުޔު ތަފާތުވެ، ހުކުމްތައް ބަދަލުވާ އުސޫލު މިސާލެއްގެ ގޮތުގައި ދައްކަވާފައެވެ. އެހެންކަމުން ގަސްތުގައި އެއްވެސް ފަރާތަކުން ގާނޫނާ ޚިލާފުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އަދި މުއައްސަސާތަކުގެ "އިންފޮމޭޝަން އޮފިސަރުން"ނާއި "މީޑިއާ އޮފިސަރުން"ގެ ދައުރު ބައެއް ފަރާތްތަކަށް އޮޅޭކަން ފާހަގަކުރައްވައި އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ، ގާނޫނުގެ ދަށުން ދޭންޖެހެނީ އެ އިދާރާއެއްގައި އުފައްދާފައިވާ، ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތު ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަމެއް ކުރަން ގަސްދުކުރާ ގޮތް ފަދަ އަމިއްލައަށް އުފައްދައިގެން ޖަވާބުދޭންޖެހޭ ސުވާލުތައްވެސް ބައެއް ފަހަރު ކުރިމަތިވާ ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް