ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި މި މައްސަލައިގެ އަޑުއެހުމަކީ ދިފާއީ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. މައްސަލައިގައި ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން ވަނީ މިދިޔަ ހޯމަ ދުވަހު އިއްވާފައެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އަޑުއެހުމުގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުންނާއި އެމަނިކުފާނު އަމިއްލަފުޅަށް ވެސް ވަނީ ދައުލަތުގެ ދައުވާތަކަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ.
އިއްޔެގެ އަޑުއެހުން ފައްޓަވަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެންމެ ފުރަތަމަ ޚުލާސާ ބަޔާން ހުށަހެޅުއްވީ ވަކީލު ހަމްޒާ ލަތީފެވެ. ހަމްޒާ ވިދާޅުވީ ފުއްގިރި ޓޫރިޒަމަށް ތަރައްގީކުރަން ހުޅުވާލީ ކާކު، ކޮން އިރަކު ކަން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ބިޑަކާ ނުލައި ދައުލަތުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރަށް ދޫކުރެވޭނެ އުސޫލު އޮންނައިރު، ކްލެސިކް ހޯލްޑިންގްސްއާ މެދު އެއްވެސް ތަހުގީގެއް ހިންގާފައި ނުވާކަމާއި، އެ ކުންފުންޏާ މެދު ކަން ހިނގާފައިވާ ގޮތުން ޔާމީނާ އެއްކޮޅަށް ހެކި ލިބޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ސަން ކުންފުންޏާ އެކު ކުރި ޑޮލަރުގެ މުއާމަލާތުގައި އެ ކުންފުނީގެ މައްޗަށް ކުށެއް ސާބިތުނުވުމަކީ ވެސް ޔާމީންގެ މައުސޫމުކަން ސާބިތުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމްޒާ އިތުރަށް ވިދާޅުވީ، ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި ބޭނުންކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތަކީ އަދަބު ލުއިކޮށްދީގެން ހެކިބަސް ނަގާފައިވާ، ސުޕްރީމް ކޯޓުން ވެސް އެމީހުންގެ ހެކިބަހާ މެދު ސުވާލު އުފައްދާފައިވާ ދެ ފަރާތް ކަމަށެވެ. އަދި އަދީބު ހެކި އުފައްދާފައިވާ ކަމަށާއި ފަސް އަހަރު ފަހުން ވެސް މި މައްސަލައިގައި ދައުލަތަށް މިނިވަން އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ދައުވާ ލިބުނު ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންދިޔަ ސަބަބު ބުނެދެވިފައި ނުވާއިރު، ރިޒާގެ ބަޔާނުގައި ވެސް ޔާމީންއާ ދުވަހަކުވެސް މަޝްވަރާ ނުކުރާ ކަމަށް ބުނެފައިވާކަން ވަކީލު ފާހަގަކުރެއްވިއެވެ.
ދިފާއީ ބަޔާނުގެ ދެވަނަ ބައި ހުށަހަޅުއްވަމުން އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ރައީސް ޔާމީނާ ދެކޮޅަށް އެންމެ ވާގިއާއެއް އަދި ހެއްކެއް ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ރިޝްވަތު ހިފިކަމާއި ނުފޫޒު ފޯރުވި ކަމުގެ އުންސުރުތައް ސާބިތުނުކޮށް، ހަމައެކަނި ހީތަކެއްގެ މައްޗަށް ދައުވާ ބިނާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، މިއީ ސިޔާސީ ދައުވާއެއް ކަމަށް ސިފަކުރެއްވިއެވެ.
ވަކީލު ފަލާހު ހުށަހެޅުއްވި ބައިގައި 78 މިލިއަން ޑޮލަރުގެ ލީސްއެއްގެ ވާހަކަ ދައްކާއިރު، އެ ފައިސާ ހޯދަން ދައުލަތުން މަސައްކަތް ނުކުރާ ސަބަބާ މެދު ސުވާލު އުފެއްދެވިއެވެ.
މި އަޑުއެހުމުގައި ރައީސް ޔާމީން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އަދުލުވެރި ހުކުމަކާ ހަމައަށް ދެވޭނީ އަދުލުވެރި ޝަރީއަތެއް ހިންގައިގެން ކަމަށެވެ. ފުއްގިރި މައްސަލަ ނިމިފައިވަނީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން ކަމަށާއި، ކުންފުންޏަކުން ގޯހެއް ހަދާފައިވާނަމަ ޒިންމާވާން ޖެހޭނީ ބޯޑާއި ފައިނޭންޝަލް ކޮންޓްރޯލާ ކަމަށެވެ. އަދި ސިޔާސީ މީހުންނަށް ލިބޭ ހުރިހާ ފައިސާއަކީ ޕާޓީއަށް ޖަމާކުރަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ގޭގައި ފައިސާ ބެހެއްޓުމަކީ މަނާ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދައުލަތުން މައްސަލަ ބިނާކުރީ ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ދެ ފަރާތުން ޚުލާސާ ބަޔާން އިއްވައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ޝަރީއަތުގެ އަޑުއެހުންތައް ނިމުނީ ކަމަށް އިއުލާނު ކުރައްވާފައެވެ. އަދި މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށް ގާޒީ ވަނީ އިއުލާނު ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް