ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯރ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހުއްދައެއް ނެތި މަސްވެރިކަން ކުރަމުންދިޔަ އިންޑިއާގެ ތިން މަސް ބޯޓު ހިފަހައްޓައިފިއެވެ.
ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅެނިކޮށް އަތުލައިގަތް ތިން ބޯޓު ނިސްބަތްވަނީ އަވައްޓެރި އިންޑިއާ އަށެވެ. ބޯޓުތައް ހިފެހެއްޓުމުން އެ ބޯޓުތަކުގެ ވެރިންނާއި އާއިލާތަކުން އިހުތިޖާޖުކުރަމުންދާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އިންޑިއާގެ ނޫސް އެޖެންސީ އޭއެންއައިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިފެހެއްޓި ތިން ބޯޓު ނިސްބަތްވަނީ އެޤައުމުގެ ސޫތުކުޅީގެ ތާރުވައިކުލަމް އަވަށަށެވެ. ބޯޓުތަކުގައި 25 މަސްވެރިން ތިއްބެވެ. އެމީހުން މަސްވެރިކަމަށް ފުރިކަމަށް ބުނެފައިވަނީ މިމަހުގެ އެއްވަނަ ދުވަހެވެ.
ހިފެހެއްޓި މަސްވެރިންގެ ތެރެއިން އާއިލީ މީހެއް ކަމަށްވާ ސުދަރުޝަން އެ މީޑިއާއަށް ބުނީ، ވައިގަދަވެ ކަނޑު އޮއެވަރު ބާރުވުމުގެ ސަބަބުން ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނީ ކަމަށެވެ. މި މައްސަލާގައި އިންޑިއާގެ މައި ސަރުކާރުން އަދި ވަކިއެއްޗެކޭ ނުބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް