ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް، ދީނާގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ ސާބިތުވެއްޖެ
އަޙްމަދު އާހިލް ސަޢީދު
ފެނަކަ ކޯޕަރޭޝަނުގައި 2018 ވަނަ އަހަރު ހިނގި ކޮރަޕްޝަން މައްސަލައިގައި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކަނޑައަޅައިފިއެވެ.
މިއީ ކޮރަޕްޝަންގެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން ނިންމި ނިންމުމެކެވެ. ދީނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އަދި އޭނާއަށް ހުކުމެއް ނުކުރެއެވެ. އެ ގޮތުން، އަދަބު ކަނޑައެޅުން އޮންނާނީ ކުރިއަށް އޮންނަ އަޑުއެހުމެއްގައެވެ.
ދީނާ އާއި ސައީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ރަސްމީ ހައިސިއްޔަތު ނާޖާއިޒު ގޮތުގައި ބޭނުންކުރި ކަމުގެ ކުށުގައެވެ. ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ ކަން ނިމުނުކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި ކަމާއި، މަސައްކަތް ނުނިމެނީސް އިތުރު އެއްބަސްވުމެއް ހެދި ކަން ތަހުގީގަށް ފާހަގަވެފައިވެއެވެ.
ސައީދަށް ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު، އެ ދުވަހު ވިދާޅުވެފައި ވަނީ، ދައުލަތުގެ ކުންފުނިތަކުގައި ކޮރަޕްޝަން ހިންގުމާއި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުން އާންމުވެފައިވާ ކަމަށެވެ. އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ދެވޭ އަދަބު ކުޑަވުމަކީ ކޮރަޕްޝަނަށް ލިބޭ ހިތްވަރެއް ކަމުން ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
ދީނާއަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ބާއްވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް