އާޒަރުބައިޖާންގެ އިހްތިޖާޖު-
އާޒަރުބައިޖާންގެ އިހްތިޖާޖު-
ދުނިޔެ 13 Oct 2026 | 07:45

އާޒަރުބައިޖާނުގެ ސްކޫލްތަކަށް ބުރުގާ އަޅައިގެން އައުން މަނާ ކުރުމުން ބޮޑު އިހްތިޖާޖެއް ފަށައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނާއި މުދައްރިސުން ބުރުގާ އެޅުން މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، އެ ގައުމުގައި ވަރުގަދަ އިހުތިޖާޖުތަކެއް ފަށައިފިއެވެ.

މިދިޔަ މަހު ފާސްކުރި އުސޫލުގައި ސީދާ ބުރުގާ މަނާކުރި ކަމަށް ބަޔާންކޮށްފައި ނުވި ނަމަވެސް، ސްކޫލްތަކުގައި ތަންފީޒުކުރަން ނިންމާފައިވަނީ ގައުމުގެ "ސެކިއުލާ އުސޫލުތަކާ" ފުށުއަރާ ހެދުން އެޅުން މަނާކުރާ ގަވާއިދެކެވެ. މިއާއެކު، ބައެއް ސްކޫލްތަކުން ވަނީ ބުރުގާ އަޅައިގެން ދިޔަ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ވަނުން ހުއްޓުވާފައެވެ.

އަޒަރުބައިޖާންގެ އާބާދީގެ ގާތްގަނޑަކަށް 96 އިންސައްތައަކީ މުސްލިމުންނެވެ. ނަމަވެސް އެ ގައުމުގެ ގާނޫނުއަސާސީ ބިނާވެފައިވަނީ ސެކިއުލާ އުސޫލުތަކުގެ މައްޗަށެވެ. އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ޕެޑަގޮޖިކަލް ކައުންސިލުން ބުނެފައިވަނީ، ޔުނީފޯމްގެ އައު އުސޫލުގެ މަގުސަދަކީ އެންމެން އެއްގޮތަކަށް ހެދުން އެޅުމާއި މުދައްރިސުންގެ ފަންނީ މިންގަނޑު ހިފެހެއްޓުން ކަމަށެވެ.

މި ނިންމުމާ ގުޅިގެން އަލްޖަޒީރާއަށް މައުލޫމާތު ދިން ޓީޗަރެއް ކަމަށްވާ ޒަހްރާ ހަސަނޯވާ ބުނީ، ސްކޫލުގައި ބުރުގާ ނޭޅޭނެ ކަމަށް އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި ބުރުގާ އެޅުމަކީ އަމިއްލަ އިޚްތިޔާރެއް ކަމަށާއި، މި ނިންމުމުގެ ސަބަބުން ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި މައްސަލައިގައި އަޒަރުބައިޖާންގެ މަގުމަތީގައާއި ސޯޝަލް މީޑިއާގައި ބޮޑެތި ކެމްޕޭންތަކެއް ދަނީ ހިންގަމުންނެވެ. ބައެއް ސްކޫލްތަކުގެ ދަރިވަރުން ވަނީ ކްލާސްތައް ބޮއިކޮޓްކޮށްފައެވެ. އަދި ބުރުގާ އަޅައިގެން ތިބި ދަރިވަރުން ސްކޫލަށް ނުވެއްދުމުން، އެ ކުދިން ޓީޗަރުންގެ ގައިގައި ބައްދައި ރޯ މަންޒަރު ފެންނަ ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ.

މި މައްސަލައިގެ ހޫނުކަން އަވަށްޓެރި ތުރުކިޔޭއަށް ވެސް ވަނީ ފޯރާފައެވެ. އަޒަރުބައިޖާންގެ ނިންމުމާ ދެކޮޅަށް ތުރުކިޔޭގެ އިސްތަންބޫލްގައި ހުންނަ އަޒަރުބައިޖާންގެ ކޮންސިއުލޭޓް ކުރިމަތީގައި އާންމުން ވަނީ މުޒާހަރާކޮށް، އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ތުރުކިޔޭގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ވަނީ ނުސީދާކޮށް ތުރުކިޔޭއަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނުގެ ޕާޓީ ކޮންގްރެސްގައި ވާހަކަދައްކަވަމުން، އެ ގައުމުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެހެން ފަރާތްތަކުން ނުފޫޒު ނުފޯރުވުމަށް އިންޒާރު ދެއްވިއެވެ. އަލިޔޭވްގެ ވާހަކަތަކަށް ތުރުކިޔޭ ސަރުކާރުން ރަސްމީކޮށް ރައްދު ނުދިން ނަމަވެސް، އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ތުރުކިޔޭގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވަނީ މުސްލިމް އަންހެނުންނަށް ދިމާވަމުންދާ ތަފާތުކުރުންތައް އިތުރުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް