ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
މާލެ ސަރަހައްދުގައި ބަރު އުޅަނދުފަހަރު ދުއްވުން ވަކި ގަޑިތަކަކަށް ހިފެހެއްޓުމާ ގުޅޭ ޤަވާއިދެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރެވޭވަރު ވާނޭ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު މިއަދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ނިންމުން ތަންފީޒުކުރާނީ ވިޔަފާރިވެރިންނަށް ބުރައެއް ނާންނާނެ ގޮތެއް ހޯއްދަވައިގެން ކަމަށް ސައީދު ވިދާޅުވިއެވެ. ގިނަ ފަރާތްތަކަށް ކަމުދާނެ ހައްލެއް ހޯއްދެވުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބަރު އުޅަނދު ދުއްވާ ވަގުތުތައް ބަދަލުވާނަމަ ގޭހާއި ފެން ފަދަ ޒަރޫރީ ތަކެތި ގެތަކަށް ފޯރުކޮށްދިނުމުގެ ގަޑިތަކަށް ބަދަލު އައިސް، ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސިނަމާލެ ބުރިޖުގެ ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައާ ގުޅޭ ގޮތުން ސައީދު ވިދާޅުވީ، ޕީކް ގަޑިތަކުގައި ބުރިޖުން ބަރު އުޅަނދުފަހަރު ދަތުރުކުރާތީ ދިމާވާ ތޮއްޖެހުމަށް ހައްލެއް ހޯދުން މުހިންމު ކަމަށެވެ. އެ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. ބަރު އުޅަނދު ދުއްވުން ވަކި ގަޑިތަކެއްގައި މަނާކުރުމަކީ އާންމު ގޮތެއްގައި ރޯދަ މަހު ވެސް އަމަލުކުރާ އުސޫލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް