ސައިބާ ހަމަލާއެއްގެ ސަބަބުން ފްރާންސްގެ ސުޕަމާކެޓްތަކުގެ ފްރިޖްތައް ހޫނުވެ، މިލިއަނުން ގެއްލުންވެއްޖެ
ފްރާންސްގެ އެކި ކަންކޮޅުތަކުގައި ހިންގާ ސަތޭކައަށް ވުރެ ގިނަ ސުޕަމާކެޓްތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ސައިބާ ހަމަލާއެއްގެ ސަބަބުން، އެ ތަންތަނުގެ ފްރިޖްތައް ހޫނުވެ، ގިނަ އަދަދެއްގެ ކާބޯތަކެތި ހަލާކުވެއްޖެއެވެ. މި ހާދިސާގެ ސަބަބުން އެތައް މިލިއަން ޔޫރޯއެއްގެ ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރެވެއެވެ.
ހެކަރުން ވަނީ ސުޕަމާކެޓްތަކުގެ ފިނިހޫނުމިން ކޮންޓްރޯލްކުރާ ސޮފްޓްވެއާގެ ބާރު އަތުލައިގަނެ، އެއްރޭ ދަންވަރު ބައެއް ޔުނިޓްތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސް އަށް މަތިކޮށްފައެވެ. އާންމުކޮށް ރޭގަނޑު ގަޑީގައި އައިސް ފިލުވުމަށް ކުޑަ ވަގުތުކޮޅަކަށް ފިނިހޫނުމިން މައްޗަށް ދިޔަ ނަމަވެސް، މި ހަމަލާގައި ވަނީ ފްރިޖްތައް ގިނައިރުތަކެއް ވަންދެން ހޫނުކޮށް ބަހައްޓާގޮތް ހަދާފައެވެ.
މި ހަމަލާ އަމާޒުވެފައިވަނީ ޑެންމާކުގެ ޑެންފޮސް ކުންފުނިން ފޯރުކޮށްދޭ ސޮފްޓްވެއާއަކަށެވެ. މިއީ ދުރުގައި ތިބެގެން ފިނިކުރާ ނިޒާމުތައް ބެލެހެއްޓުމަށް ބޭނުންކުރާ ސޮފްޓްވެއާއެކެވެ. ޑެންފޮސް އިން ބުނި ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ ސެކިއުރިޓީ އަޕްޑޭޓް ނުކުރެވޭ ބާވަތުގެ ދުވަސްވީ މޮޑެލްތަކަށެވެ.
ފްރާންސްގައި ހިންގާ 15،000 އެއްހާ ސުޕަމާކެޓްތަކުގެ ތެރެއިން ގާތްގަނޑަކަށް 400 ފިހާރައަކަށް މިކަމުގެ އަސަރު ކޮށްފައިވާ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި "ކޯޕަރޭޓިވް ޔޫ" ގެ 100 އަށް ވުރެ ގިނަ ފިހާރަ އާއި، "އިންޓާމާޝޭ" އަދި "ނެޓޯ" ބްރޭންޑްގެ 180 ފިހާރައެއް ހިމެނެއެވެ. އިތުރު ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ބައެއް ކުންފުނިތަކުން ވަނީ ވަގުތުން 100 އަށް ވުރެ ގިނަ ފިހާރައިގެ ސިސްޓަމްތަކުން އިންޓަނެޓުން ކަނޑާލާފައެވެ.
ހޯމަ ދުވަހުގެ ހެނދުނު ފިހާރަތައް ހުޅުވަން އައި މުވައްޒަފުންނަށް ފްރީޒަރުތަކުން ފެނުނީ ހޫނު ވައި އަރަމުންދިޔަ މަންޒަރެވެ. ބައެއް ތަންތަނުގައި ކުދި އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވާއިރު، އަލްސަސް ސަރަހައްދުގެ ދެ ސުޕަމާކެޓުން ވެސް 270،000 ޔޫރޯގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އިންޓާމާޝޭ އިން ބުނި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހަލާކުވި ހުރިހާ ތާޒާ އަދި ގަނޑުކުރި ކާބޯތަކެތި މިހާރު ވަނީ އުކާލާފައެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސްގެ ޕްރޮސެކިއުޓަރުން ވަނީ ސައިބާ ކުށުގެ ޚާއްސަ ތަހުގީގެއް ފަށާފައެވެ.
މި ހަމަލާ ކުށްވެރިކުރައްވައި ޔޫރަޕިއަން ފުޑް ކޮމިޝަނަރު ކްރިސްޓޯފް ހެންސެން 'އެކްސް' ގައި ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހުރިހާ ފެންވަރެއްގައި ވެސް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށާއި، ކާބޯތަކެއްޗަކީ މިހާރު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗަކަށް ވެފައިވާ ކަމަށެވެ. އަދި ކޯޕަރޭޓިވް ޔޫގެ ޗީފް އެގްޒެކެޓިވް ޑޮމިނިކް ޝެލްޗާ ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މި މައްސަލަ ފުރިހަމައަށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް