ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، ހުޅުޖަހަން ފަށައިފި؛ 1200 މީހުން ހައްޔަރު
ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއި، ސްކޫލުތަކުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެން ފަރަންސޭސިވިލާތުގައި ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތައް ވަރުގަދަ ހަމަނުޖެހުންތަކަކަށް ބަދަލުވެ، އެ ގައުމުގެ އެކި ސަރަހައްދުތަކުން މަދުވެގެން 1،200 މީހުން ހައްޔަރުކޮށްފިއެވެ.
މުޅި ގައުމުގައި ކުރިއަށްދިޔަ މި މުޒާހަރާތަކުގައި ގާތްގަނޑަކަށް 550،000 އެއްހާ މީހުން މަގުތަކަށް ނުކުމެފައިވާއިރު، ފަރަންސޭސި ސަރުކާރުން މި ހާދިސާ ސިފަކޮށްފައިވަނީ "ބޮޑު އަނިޔާވެރިކަމެއް" ގެ ގޮތުގައެވެ. ބޮޑުވަޒީރު ސެބަސްޓިއަން ލެކޯނޫ ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކުގައި ފުލުހުންގެ 150 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ވެރިރަށް ޕެރިހުގައި ދުވާލުގެ ވަގުތުތަކުގައި ސުލްހަވެރިކަމާއެކު މުޒާހަރާތައް ދިޔަ ނަމަވެސް، އިރުއޮއްސި އަނދިރިވުމާއެކު ހާލަތު ގޯސްވެ، ފުލުހުންނާއި އާންމުންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. ފުލުހުން ވަނީ ކަރުނަގޭހާއި ވޯޓާ ކެނަން ބޭނުންކޮށް، ބައެއް މީހުންގެ ގައިގައި މުގުރުން ތަޅައި މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި ވެހިކަލްތަކުގައްޔާއި މަގުތަކުގައި އަލިފާން ރޯކޮށް، ފިހާރަތައް ލޫޓުވައި، ރެސްޓޯރެންޓެއްގައި އަލިފާން ރޯކޮށްލާފައިވެއެވެ.

ޕެރިހުގެ އިތުރުން ލިމޯޖްސްގެ ޓައުން ހޯލުގައި ރޯކޮށްލުމުގެ ސަބަބުން އެ އިމާރާތުގެ ފުރާޅުގެ ބައެއް ވަނީ ވެއްޓިފައެވެ. އަދި ލިޔޯންގެ ތާރީޚީ ޓޫރިސްޓް އޮފީހުގައި ވެސް ވަނީ ހުޅުޖަހާފައެވެ. ސެއިންޓް-އެޓިއެން ސިޓީގައި ގޮވި ގޮވުމެއްގައި ޒުވާނެއްގެ އަތް ވަކިވެގެން ގޮސްފައިވާއިރު، ލިލް ސިޓީގެ އެޕަލް ފިހާރައެއް ފަޅާލައި ވަނީ މުދާތައް ފޭރިގެންފައެވެ.
ފާއިތުވި ހަފުތާތަކުގައި ފަރަންސޭސިވިލާތުގެ ސްކޫލުތަކުގައި ޓީޗަރުން މަދުވުމާއި ވަސީލަތްތައް ދަށްވުމާ ގުޅިގެން ދަރިވަރުން ފެށި މުޒާހަރާތަކަށް އިތުރު ބާރެއް ލިބުނީ، 2018 ވަނަ އަހަރު މަޝްހޫރުވި 'ޔެލޯ ވެސްޓް' ހަރަކާތުގެ ބައިވެރިންނާއި ޓްރޭޑް ޔޫނިއަންތައް މި މުޒާހަރާއާ ގުޅުމުންނެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ އިމާރާތްތަކަށް ގެއްލުންދީ، ވިޔަފާރިތަކާއި ޓައުން ހޯލުތައް ލޫޓުވި ހުރިހާ ފަރާތްތަކަށް ގާނޫނީ ހައްގު އަދަބު ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން އިތުރު 3،000 ޓީޗަރުން ނެގުމަށް ވައުދުވި ނަމަވެސް، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ގައުމުގެ ސިޔާސީ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް