ގެޓީ އިމޭޖަސްގެ ހެޑް ކުއާޓަރެއް.. ފޮޓޯ: ބިޒް ޖާނަލް
ގެޓީ އިމޭޖަސްގެ ހެޑް ކުއާޓަރެއް.. ފޮޓޯ: ބިޒް ޖާނަލް
ވިޔަފާރި 13 Oct 2026 | 13:09

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ވިޝުއަލް މީޑިއާ، ގެޓީ އިމޭޖަސް ބަނގުރޫޓުވިކަން އިއުލާނުކޮށްފި

ދުނިޔޭގެ މަޝްހޫރު ފޮޓޯ އަދި ވީޑިއޯ އެޖެންސީ، ގެޓީ އިމޭޖަސް ބަގުރޫޓުވިކަން އިޢުލާނުކޮށްފިއެވެ.

ގެޓީ އިމޭޖަސް ބަނގުރޫޓުވިކަން އިއުލާނުކުރަމުން އެކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ކުންފުނި އަލުން ރީސްތްރަކްޗަރކޮށް އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ކުރިއަށްދިއުމަށް ނިންމިކަމަށް ބުނެފައެވެ. އެގޮތުން ޤާނޫނީގޮތުން ނިންމަންޖެހޭ ހުރިހާކަމެއް އަންނަ ހަފްތާގައި ފަށާނޭކަމަށް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި ގެޓީ އިމޭޖަސްގެ މި ނިންމުމަކީ ކުންފުނީގެ ދަރަނި ބޮޑުވުމާއި، އޭއައި (AI) ބޭނުންކޮށްގެން އުފައްދާ ތަސްވީރުތަކުގެ ސަބަބުން ބާޒާރުގައި ކުރިމަތިވި ބޮޑު ވާދަވެރިކަމުގެ ނަތީޖާއެވެ. މީގެ އިތުރުން، ވާދަވެރި ޝަޓަރސްޓޮކް ކުންފުންޏާ އެކު ވުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމަކީވެސް މި ހާލަތު މެދުވެރިވި ސަބަބެކެވެ.

ކުންފުނި ރީސްޓްރަކްޗަރ ކޮށް ނިމުމުން، ގެޓީ އާއިލާ އާއި ކޯކް އިކުއިޓީ ޑިވެލޮޕްމަންޓުން ކުންފުނީގެ ފުރިހަމަ މިލްކުވެރިކަން ހޯދާނެއެވެ. މި ބަދަލާއެކު އިންވެސްޓަރުން ވަނީ ކުންފުންޏަށް 533 މިލިއަން ޑޮލަރުގެ އާ ރައުސްމާލެއް އިންވެސްޓް ކުރުމަށް އެއްބަސްވެފައެވެ. އަދި ކުންފުންޏަށް ލޯނު ދޫކޮށްފައިވާ ފަރާތްތަކުން ވަނީ ދަރަނި އަދާކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެއްބަސްވެފައެވެ.

ގެޓީ އިމޭޖަސް އިން ބުނި ގޮތުގައި، މި މަރުހަލާ ކުރިއަށްދާއިރުވެސް ކުންފުނީގެ އާންމު ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެއެވެ. އަދި މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

2022 ވަނަ އަހަރު ހިއްސާގެ ބާޒާރަށް ނުކުތް ފަހުން ގެޓީގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިގޮތުން ކުންފުނީގެ އަގުން ގާތްގަނޑަކަށް 99 އިންސައްތަ ވެއްޓިފައިވާއިރު، ނިއުޔޯކް ސްޓޮކް އެކްސްޗޭންޖުން މިހާރު ވަނީ އެ ކުންފުނި ބާޒާރުން އުނިކުރުމުގެ މަސައްކަތް ފަށާފައެވެ. މިއަހަރު ނިމުމުގެ ކުރިން ބަގުރޫޓުވުމުގެ ހުރިހާ މަރުހަލާއެއް ނިންމައި، އަމިއްލަ ކުންފުންޏަކަށް ބަދަލުވުމަކީ ގެޓީގެ އަމާޒުކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ގެޓީ އިމޭޖަސްއަކީ ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ އަދި ނުފޫޒުގަދަ އެއް ވިޝުއަލް މީޑިއާއެވެ. ގެޓީ އިމޭޖަސްގެ އުފެއްދުންތައް ގިނަ މީޑިއާތަކަކުންނާއި ވިޔަފާރިތަކެއްގެ މެދުގައި އެންމެ މަގްބޫލު އެއް ކުންފުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް