ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
ހުޅުމާލެ ފޭސް 2 ގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް އެކްސިޑެންޓްވި މައްސަލައިގައި، އެ ސައިކަލުގައި އިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ ލ. މާމެންދޫ، އިރުމަތީގެ، މުޙައްމަދު ސައިފް (27އ) ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އަނިޔާވިއިރު، އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްވެގެން ވަނީ ފަރުވާދީފައެވެ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ވެސް ބަދަލުކުރިއެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރުވައިގެން ދަތުރުކޮށްފައިވަނީ ވަންވޭއާ ޚިލާފަށެވެ. އަދި އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭއިރު، އެ ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މުޙައްމަދު ސައިފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް