އަލް ނަސްރު އާއި އަލް އިއްތިފާގު ވާދަކުރި މެޗުގެ ތެރެއިިން
އަލް ނަސްރު އާއި އަލް އިއްތިފާގު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 15 Aug 2023 | 04:06

ލީގުގައި އަލް ނަސްރު ކުޅުނު ފުރަތަަމަ މެޗުން އެޓީމު ބަލިވެއްޖެ!

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން އަލް ނަސްރުގެ ބަލިވެއްޖެ އެވެ. އަލް އިއްތިފާގު އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އެޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުން ނެވެ.

މިދިޔަ ހޮނިހިރު ދުވަހު އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ބަލިކޮށް ޗެމްޕިއަންކަން ހޯދި އަލް ނަސްރުން މިރޭގެ މެޗަށް ނުކުތްއިރު، އެޓީމުގެ މުހިންމު ހަތަރު ކުޅުންތެރިއަކު މިރޭގެ މެޗު ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގައި ހިމަނާފައި ނުވާއިރު، ކޯޗު ލުއިސް ކާސްޓްރޯ ވަނީ އެޓީމުގެ އެންމެ މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ ކްރޮއޭޝިޔާގެ މާސެލޯ ބްރޮޒޮވިޗް އާއި ފްރާންސްގެ ސެކޯ ފޮފާނާގެ އިތުރުން ބްރެޒިލްގެ ޑިފެންޑަރު އެލެކްސް ޓެލްސް އަށް މި މެޗަށް ރެސްޓުދީފައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުން ނެވެ. މިލަނޑު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނަގާލް ފޯވާޑް މާނޭ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ފެށިގެން ދެވަނަ މިނެޓުގައި އަލް އިއްތިފާގުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޑެން މިޑްފީލްޑަރު ރޮބިން ކުއެއިސަން އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ފްރާންސް ފޯވާޑް މޫސާ ޑެންބެލޭ ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗުގައި ފުރަތަަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

އަލް އިއްތިފާގުން ލީޑު ނެގުމާއެކު އަލް ނަސްރުން ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިފާގު ކުރީގައި އޮވެގެންނެވެ.

މިއީ އަލް އިއްތިފާގު ގެ ކޯޗުކަމާއި ސްޓީވަން ޖެރާޑް ހަވާލުވި ފަހުން އެޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އަދި މި މެޗުގައި އެޓީމާއި އަލަށް ގުޅުނު ލިވަޕޫލުގެ ކުރީގެ ކެޕްޓަން ހެންޑަސަން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް