ސައުދީ ނޫސްވެރިޔާ ކަޝޯގީ ވަނީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލެވިފަ - ތުރުކީ އޮފިޝަލުން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ތުރުކީގެ ސަލާމަތާ ބެހޭ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ސައުދީ އަރަބިއްޔާގެ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ކަޝޯގީ ވަނީ މަރުވެފަކަމަށް ތުރުކީއިން ބުނެފިއެވެ.
ގައުމުން ބޭރަށް އަމިއްލިއަށް އަރުވާލެވިގެން ހުރި ކަޝޯގީވަނީ މިދިޔަ އަންގާރަ ދުވަހު ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ގޮސްފައެވެ.
އޭނާ ކޮންސިއުލޭޓަށް ގޮސްފައިވަނީ ސައުދީގައި ހުރި އޭނާގެ އަނބިމީހާ ވަރި ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށެވެ.
ސައުދީގެ ވެރިކަން ކުރާ ފަރާތްތަކަށް ފާޑު ކިޔަމުން އަންނަ ކަޝޯގީ ސައުދީ ކޮންސިއުލޭޓަށް ވައިން ފަހުން ފެނިފައެއް ނުވެއެވެ.
ރޮއިޓާސްއަށް މައުލޫމާތު ދެމުން ތުރުކީގެ އޮފިޝަލެއް ހާމަކުރި ގޮތުގައި ތުރުކީގެ ޕޮލިހުން ކުރި ތަހުގީގު ތަކުން އިނގޭ ގޮތުގައި ކަޝޯގީ ވަނީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލެވިފައެވެ.
މިއީ ކުރިއާލާ ރާވައިގެން ކޮށްފާއިވާ ކަމެއް ކަމަށާއި މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ކޮންސިއުލޭޓުން ނެރެފަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް ސައުދީގެ އޮފިޝަލުން ވަނީ މި ވާހަކަތައް ދޮގު ކޮށްފައެވެ.
ތުރުކީގެ ރައީސް ތައްޔިޕް އެރްދޮގާން ވަނީ މި މައްސަލާއިގަ ސައުދީ އޮފިޝަލުން ކަޝޯގީ އެމީހުންގެ ކޮންސިއުލޭޓުން ނުކުތް ކަން ސާބިތުކޮށްދޭން ޖެހޭނެކަމަށް ވިދާޅުވެފައެވެ.
މިކަން ތަހުގީގު ކުރުމަށް ތުރުކީއިން މިހާރު ވަނީ ސައުދީ ކޮންސިއުލޭޓަށް ވަނުމުގެ ހުއްދައަށް އެދި ރަސްމީ ސިފައެއްގައި ހުށަހަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް