ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިިން
ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު 16 Mar 2023 | 03:42

6-2 ގެ އެގްރިގޭޓު ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފި ރެއާލް ކުއާޓާ ފައިނަލަށް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ދެ ބުރުގެ ދެވަަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް 1-0 ގެ ނަތީޖާއަކުން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި މި ދެޓީމު ކުޅުނު ފުރަތަަމަ ލެގުގެ މެޗު 5-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެފައި އޮތުމުން ރޭގެ މެޗަށް ނުކުންނައިރު، މިމެޗު އެއްވަރުކޮށްލައިގެން ވެސް އެޓީމަށް ކުއާޓާއަށް ދިއުމުގެ ފުރުސަތު އޮތެވެ.

ވިނީޝިއަސް ޖޫނިއަރ މިރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި 

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރުގަދަ އެޓޭކިންގް ގޭމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއްލިބި ވަނީ ބޭނުންނުކުރެވިފައެވެ.

މި ގޮތުން ފުރަތަަމަ ހާފުގައި ރެއާލްގެ ފްރާންސް މިޑްފީލްޑަރު ކަމަވިންގާ ފޮނުވާލި ހަމަލާއެއް ލިވަޕޫލް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ލިވަޕޫލުގެ އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޯޓުއާ އެވެ.

ބެންޒެމާ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ 

ދެވަަނަ ހާފްގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 78 މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލްގެ ކެޕްޓަން ކަރިމް ބެންޒީމާ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ލިވަޕޫލްގެ ގޯލް އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިދެޓީމު އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިިން 7 މެޗުން ރެއާލް މެޑްރިޑް މޮޅުވެފައި ވާއިރު އެއް މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. އަދި ލިވަޕޫލަށް އެންމެ ފަހުން ރެއާލް މެޑްރިޑް އަތުން މޮޅެއް ހޯދިފައިވަނީ 2009 ވަނަ އަހަރުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް