މާލީ ޚިދުމަތްތަކާއި ވިޔަފާރީގެ ދާއިރާ ކުރިއެރުމާއެކު އިޤްތިޞާދު 2.4 އިންސައްތަ މައްޗަށް
މާލީ ޚިދުމަތްތަކާއި، ރިއަލް އެސްޓޭޓް އަދި ވިޔަފާރީގެ ދާއިރާއަށް އައި ކުރިއެރުމާއެކު، ނިމިދިޔަ އޮގަސްޓް މަހު ރާއްޖޭގެ އިޤްތިޞާދު ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 އިންސައްތަ ކުރިއަރައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އޮކްޓޯބަރު 15 ގައި ޢާންމުކޮށްފައިވާ، އިޤްތިޞާދީ ދުވެލި ވަޒަންކުރާ "މަންތްލީ އިންޑިކޭޓަރސް އޮފް އިކޮނޮމިކް ގްރޯތް" (އެމް.އައި.އީ.ޖީ) ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު ރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 9.64 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރިކޯޑުކުރެވުނު 9.41 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އަދި މިއީ އޭގެ ކުރީ ޖުލައި މަހާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުމުގައި އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ މާލީ ޚިދުމަތްތަކުގެ ދާއިރާއިންނެވެ. މާލީ މުޢާމަލާތްތަކާއި އިންޝުއަރެންސްގެ ޚިދުމަތްތައް އިތުރުވުމާ ގުޅިގެން މި ދާއިރާ ވަނީ 21.9 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދައި، 748 މިލިއަން ރުފިޔާއަށް އުފެއްދުންތެރިކަން އިތުރުކޮށްފައެވެ. މީގެއިތުރުން، އިމާރާތްކުރުމުގެ ދާއިރާ 10.4 އިންސައްތަ ކުރިއަރައި 487 މިލިއަން ރުފިޔާއަށް އެރިއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާ ވަނީ 8.1 އިންސައްތަ ކުރިއަރައި 864 މިލިއަން ރުފިޔާއަށް އަރާފައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ފަތުރުވެރިކަމުގެ ޚިދުމަތްތައް ހިމެނޭ ހޮސްޕިޓާލިޓީ އަދި ކާބޯތަކެތީގެ ޚިދުމަތްތަކުގެ ދާއިރާއިން އިޤްތިޞާދުގެ 23.1 އިންސައްތަ ހިއްސާކޮށްފައިވެއެވެ. މި ދާއިރާއިން 2.23 ބިލިއަން ރުފިޔާގެ އުފެއްދުންތެރިކަމެއް ރިކޯޑުކޮށްފައިވާއިރު، މިއީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު އިތުރުވުމާ ގުޅިގެން، ޖުލައި މަހާ އަޅާބަލާއިރު 10.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، އިޤްތިޞާދުގެ 11.7 އިންސައްތަ ހިއްސާކުރަނީ ދަތުރުފަތުރާއި މުވާޞަލާތީ ޚިދުމަތްތަކުގެ ދާއިރާއިންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހު އިޤްތިޞާދީ ހަރަކާތްތައް ދަށްވި ނަމަވެސް، ޖުލައި އަދި އޮގަސްޓް މަހު ރާއްޖޭގެ އިޤްތިޞާދު ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރަން ފަށާފައެވެ. މިގޮތުން، މި ނިމިދިޔަ އޮގަސްޓް މަހުގެ އިޤްތިޞާދީ ކުރިއެރުން 10.06 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުން އިޤްތިޞާދީ އުފެއްދުންތެރިކަން މިހާ މަތީ މިންވަރަކަށް ރިކޯޑުކުރެވުނު ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް