އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ކުއްލިއަކަށް ބުރުގާ އެޅުން މަނާކުރަން ފެށީ ކީއްވެ؟
އަޒަރުބައިޖާނުގެ ސްކޫލްތަކުގައި ”ދީނީ ހެދުން އެޅުން“ މަނާކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ފަހަކަށް އައިސް އަޅަން ފެށި ފިޔަވަޅުތަކާ ގުޅިގެން ވަރުގަދަ އިހުތިޖާޖުތަކެއް ފެށި، ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މިއީ ހަމައެކަނި ސެކިއުލާ (ދީނާއި ދައުލަތް ވަކިވެފައިވާ) ނިޒާމު ”ހިމާޔަތްކުރުމަށް“ އެޅި ފިޔަވަޅެއްތޯ ނުވަތަ މިއީ އީރާނާއި އިސްރާއީލް އަދި އެމެރިކާއާ ގުޅިފައިވާ ސަރަހައްދީ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ނިންމި ނިންމުމެއްތޯ ދަނީ ބަހުސްކުރެވެމުންނެވެ.
މި މައްސަލަ ހޫނުވާން ފެށީ ސްކޫލްތަކުގެ ޔުނީފޯމް ގަވާއިދަށް ގެނައި ބަދަލުތަކަކާ ގުޅިގެންނެވެ. އެ ބަދަލުތަކުގައި ސީދާ 'ބުރުގާ' މި ލަފްޒު ބޭނުންކޮށްފައި ނުވި ނަމަވެސް، ގައުމުގެ ސެކިއުލާ އުސޫލުތަކާ ފުށުއަރާ ހެދުން އެޅުން ވަނީ މަނާކޮށްފައެވެ. މި ގަވާއިދުގެ ދަށުން ބައެއް ސްކޫލްތަކުގައި ބުރުގާ އަޅައިގެން ދިޔަ ދަރިވަރުންނާއި މުދައްރިސުން ކުލާސްތަކަށް ވަނުން ވަނީ ހުއްޓުވާފައެވެ.
އަޒަރުބައިޖާނަކީ އާބާދީގެ %96 މުސްލިމުން އޮންނަ ގައުމަކަށް ވާއިރު އެއީ، ޒަމާނުއްސުރެ ސެކިއުލާ ވެރިކަމުގެ ނިޒާމެއް ހިންގަމުން އަންނަ ގައުމެކެވެ. އެހެންކަމުން ކުއްލިއަކަށް ބުރުގާ އެޅުން މިހާ ބޮޑު މައްސަލައަކަށް ވެގެން ދިޔަ ސަބަބާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ.
ސަރުކާރުން ބުނަމުންދަނީ މިއީ ތައުލީމީ މުއައްސަސާތަކުގައި ސެކިއުލާ އުސޫލުތައް ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، މި ފިޔަވަޅަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ދީނީ ގޮތުން އަޅަންޖެހޭ ހެދުން އެޅުމަށް ހުރަސް އެޅުމަކީ މުސްލިމް އަންހެނުންނާއި އަންހެން ކުދިންނަށް ލިބިދޭ މިނިވަންކަމާއި ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
ބުރުގާ މަނާ ކުރުމާ، އީރާނާ އޮތް ގުޅުން
މި މައްސަލައަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބިގެންދިޔަ މައިގަނޑު އެއް ސަބަބަކީ އަވަށްޓެރި އީރާނާ އެކު އަޒަރުބައިޖާނުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި މިކަން ހިނގަމުން ދިޔުމެވެ. 'ވޯކަލް ޕޮލިޓިކްސް' އިން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަޒަރުބައިޖާނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރަނީ، ބުރުގާގެ މައްސަލަ ބޭނުންކޮށްގެން އީރާނުގެ މީޑިއާތަކުން އަޒަރުބައިޖާނުގެ މައްޗަށް ފިކުރީ ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށެވެ.
މި ތަހުލީލުތައް ދައްކާ ގޮތުގައި މިއީ ހަމައެކަނި ސްކޫލް ޔުނީފޯމުގެ މައްސަލައެއް ނޫނެވެ؛ މިއީ ސަރަހައްދީ ނުފޫޒު ހޯދުމަށް ކުރެވޭ ފުޅާ ހަނގުރާމައެއްގެ ބައެކެވެ. އަޒަރުބައިޖާނުން އަސްކަރީ އަދި ސަލާމަތީ ގޮތުން އިސްރާއީލާ ގާތް ގުޅުމެއް ބާއްވަމުންދާއިރު، އެމެރިކާއާ އެކު އޮންނަ ގުޅުންވެސް ދަނީ ވަރުގަދަކުރަމުންނެވެ. އަނެއްކޮޅުން އީރާނާ އެކު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
އެހެންކަމުން، ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދަނީ ސެކިއުލާ އުސޫލުތައް އަލުން ކުރިއަރުވަން ފެށީ ހުޅަނގުގެ ބާރުތަކަށް މެސެޖެއް ދިނުމުގެ ގޮތުންތޯއެވެ. އަދި މި ފިޔަވަޅުތަކަކީ ހުޅަނގަށް ވަފާތެރިކަން ދެއްކުމަށް އާޒަރުބައިޖާނުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. އެހެނީ މިކަން ފެށުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީ، އިސްރާއިލްގެ ރައީސް ވެސް އާޒަރުބައިޖާނަށް ދަތުރެއްވަނީ ކޮށްފައެވެ.
ބުރުގާ މަނާކުރުން؛ ހަގީގަތުގައިވެސް ސެކިއުލާ ނިޒާމް ހިމާޔަތްކުރުންތަ؟
އާޒަރުބައިޖާން މައްސަލައިގެ ސަބަބުން، ސެކިއުލާ ސަރުކާރުތަކުން ދީނީ ކަންކަމާ މެދު އަމަލުކުރަންވީ ގޮތާ ބެހޭ ގޮތުން ކުރެވެމުންދާ ބަހުސްތައް ވަނީ އަލުން ހޫނުވެފައެވެ. ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުގެ ސްކޫލްތަކުގައި ދީން ރަމްޒުކޮށްދޭ ތަކެތި ބޭނުންކުރުން މަނާކޮށްފައިވަނީ ސެކިއުލާ ތައުލީމީ ނިޒާމެއް ދެމެހެއްޓުމުގެ ނަމުގައެވެ. އެގޮތުން ބުރުގާ އެޅުމާއި މޫނު ބުރުގާ އެޅުންވެސް ބައެއް ގައުމުތަކުގައި މަނާ ކޮށްފައިވާއިރު، އޭގައި ދެކޮޅު ނުޖެހޭ ކަމަކީ، މިފަދައިން މަނާ ކުރާއިރު އިސްލާމްދީން ފިޔަވައި އެހެންދީން ތަކުގެ ހެދުން މަނާ ނުކުރާތީއެވެ. އެގޮތުން ކްރިސްޓިއަން ދީނުގެ އަންހެނުން ހެދުން އަޅާ ގޮތަށް ހެދުން އެޅުމުގެ ހުއްދަ އޮންނަ އިރު، އެމީހުންގެ ދީނީ މުނާސަބަތު ތަކުގައި ސުކޫލްތައްވެސް ބަންދުކުރެއެވެ. އެހެންކަމުން މިއީ އިސްލާމްދީނަށް ނަފްރަތުކުރާ ފިކުރު ޕްރޮމޯޓްކުރުން ކަމަށްވެސް ފާޑުކިޔުންތެރިން ބުނެއެވެ.
އެހެންކަމުން މިހާރު އުފެދޭ އެންމެ މުހިންމު ސުވާލަކީ: އަޒަރުބައިޖާނުން މިކުރާ ކަމަކީ ހަމައެކަނި އެ ގައުމުގެ ޒަމާންވީ ސެކިއުލާ އުސޫލުތައް ތަންފީޒުކުރުންތޯ؟ ނުވަތަ މި އުސޫލުތައް ތަންފީޒުކުރުމުގެ ފަހަތުގައި ސަރަހައްދީ ކޯޅުމުގެ ނުފޫޒު އެކުލެވިގެންތޯ؟އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް