ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން، ވަންވޭއާ ހިލާފަށް ދުއްވި މައްސަލައެއްގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ މީހުންނެވެ.
ފުލުހުން ބުނީ ރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް ވަންވޭއާ ހިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަށް ފެނިގެން ވަނީ އެ ސައިކަލު ހުއްޓުވާފައެވެ.
ފުލުހުން ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަން ހުރި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމާ ގުޅިގެން އެ ސައިކަލު ވަނީ ޓޯ ޔާޑަށް ގެންގޮސްފައެވެ. އަދި ޓޯ ޔާޑުން ސައިކަލު އިތުރަށް ބަލައި ފާސްކުރިއިރު، ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ވަނީ ފާހަގަކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން، ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައާ ގުޅިގެން، ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް