ޝަރުއީ ދާއިރާގެ އިސްލާހަށް ސުޕްރީމް ކޯޓުން ހެދި މަގުޗާޓު ހާމަކޮށްފި
ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން އެކުލަވައިލި 20ނުކުތާގެ މަގުޗާޓު، ރޭ އިފްތިތާހުކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް ޖަލްސާއެއްގައި މި މަގުޗާޓު އިފްތިތާހުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަގުޗާޓަކީ މިދިޔަ ފެބުރުއަރީ މަހު ބޭއްވި ޖުޑިޝަރީއާ ގުޅޭ ފޯރަމްގައި ބައިވެރިންނާއި ޔޫއެންޑީޕީގެ މަޝްވަރާ އާއި ބޭރުގެ ޖަމިއްޔާތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި ރިޕޯޓްތަކަށް ބަލައިގެން އެކުލަވައިލެވުނު މަގުޗާޓެއް ކަމަށެވެ.
މަގުޗާޓުގައި ހިމެނޭ ކަންކަން:
ޖުޑީޝަލް ސާވިލް ކޮމިޝަން އިސްލާހު ކުރުން
ގާނޫނުތައް އިސްލާހު ކުރުން
ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމް ހަރުދަނާ ކުރުން
ކޮރަޕްޝަނާއި، ފަސާދައާއި، ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ޝަރުއީ ދާއިރާ ހެދުން
މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން
ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުން
ފަނޑިޔާރުންގެ މަސައްކަތުގެ މިންގަނޑު މޮނިޓާ ކުރުން
ފަނޑިޔާރުންނަށް ޕްރޮމޯޝަން ލިބޭނެ ނިޒާމެއް ގާއިމް ކުރުން
ހުކުމް ތަންފީޒު ކުރުމުގެ ނިޒާމް ހަރުދަނާ ކުރުން
ކޭސް މެނޭޖްމަންޓްގެ ނިޒާމް ޒަމާނީ ކުރުން
ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓްތައް ގާއިމް ކުރުން
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުން
އީ-ފައިލިން ނިޒާމެއް ގާއިމްކުރުން
މާލީ މިނިވަންކަމާއި، ޝަރުއީދާއިރާގެ ބަޖެޓްގެ ކޮންޓްރޯލް ހޯދުން
ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަންއާއި ތަމްރީނުދޭ ނިޒާމް ހަރުދަނާ ކުރުން
އަހަރަކު 20 ގަޑި އިރުގެ އިން ސާވިސް ތަމްރީނުތަކެއް ފަނޑިޔާރުންނަށް ލާޒިމް ކުރުން
ޝަރުއީ އަދި ގާނޫނީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުން
ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުން
ލީގަލް އެއިޑްގެ ހަރުދަނާ ސްކީމްއަކާއި، ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމް ކުރުން
ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް