ޕޮލެންޑާއި ޖަރުމަނު ވާދަކުރ މެޗުގެ ތެރެއިިން
ޕޮލެންޑާއި ޖަރުމަނު ވާދަކުރ މެޗުގެ ތެރެއިިން
ކުޅިވަރު 16 Jun 2023 | 22:31

ޖަރުމަނު އަތުން ޕޮލެންޑަށް ތާރީޚީ މޮޅެއް!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ޖަރުމަނާއި ޕޮލެންޑް ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ޕޮލެންޑުން ކާމިޔާބުކޮށްފި އެވެ.

ޖަރުމަނުވިލާތުން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ތިން މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައި ނުވާއިރު އެއް މެޗު އެއްވަރުވިއިރު އަނެއް ދެ މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އަދި މިއީ 2014 ވަނަ އަހަރު ޔޫރޯ ކޮލިފައިންގައި 2-0 ގެ ނަތީޖާއަކުން ޕޮލެންޑް އަތުން އެޓީމު ބަލިވި ފަހުން ޕޮލެންޑު އަތުން އެޓީމު ބަލިވި ފުރަތަަމަ ފަހަރެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ޖަރުމަނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް މި ހާފުގައި އެޓީމުގެ ގޯލާއި އަމާޒުކޮށް ޕޮލެންޑުން ފޮނުވާލި ހަމައެކަނި ހަމަލާގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއެވެ.

ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޔަކޫބް ކިވިއޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ސެބެސްޓިއަން ސިމަންސްކީ ކޯނަރަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފުގައި ޖަރުމަނު ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޗެލްސީގެ ފޯވާޑް ކައި ހާވަޓްޒްއަށެވެ. ނަމަވެސް މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ ޕޮލެންޑުގެ ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕޮލެންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޖަރުމަނު ޓީމުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ގާތްގާތުގައި ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޕޮލެންޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ރޮބިން ގޯސެންސް ފޮނުވާލި ހަމަލާ ޕޮލެންޑުގެ ކީއްޕަރު ދިފާއުކުރިއިރު، ޖެހިގެންއައި މިނެޓުގައި ޖޯޝުއާ ކިމިޗް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މީގެ އިތުރުން ވެސް ދެވަނަ ހާފުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ޖަރުމަނުން ތަނަވަސްކުރިއިރު، އެޓީމުގެ ކައި ހާވަޓްޒް، ޖޯޝުއާ ކިމިޗް,  މާރިއަސް ވުލްފް  އިތުރުން ލިއޮން ގޮރެޓްޒްކާ ފޮނުވާލި ހަމަލާތައް މި މެޗުގައި އާދަޔާޚިލާފު މޮޅުކުޅުމެއް ދެއްކި ޕޮލެންޑްގެ ކީއްޕަރު ސްޒްޒެސްނީ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއީ ޖެނުއަރީމަހު އެޓީމުގެ ކޯޗުކަމާއި ފެނާންޑޯ ސަންޓޯސް ހަވާލުވި ފަހުން ޕޮލެންޑް ޖެހިޖެހިގެން މޮޅުވި ދެވަނަ މެޗެވެ. އަދި މިއީ މިދެޓީމުގެ މެދުގައި މިހާތަނަށް ކުޅެވުނު 14 މެޗުގެ ތެރެއިިން ޕޮލެންޑް މޮޅުވި ދެވަނަ މެޗެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް