މެކްސިކޯގައި ތިން ސާފަރުން މެރި ތިން މީހަކަށް 158 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
މެކްސިކޯގެ ބާހާ ކެލިފޯނިއާގައި 2024 ވަނަ އަހަރު އޮސްޓްރޭލިއާގެ ދެ ބެއިންނާއި އެމެރިކާގެ ރައްޔިތެއް މަރާލި ކަމުގެ ކުށް ސާބިތުވެ، ތިން މީހެއްގެ މައްޗަށް 158 އަހަރާއި ނުވަ މަސް ދުވަހުގެ ޖަލު ހުކުމެއް މެކްސިކޯގެ ކޯޓަކުން އިއްވައިފިއެވެ.
މި ތިން މީހުންގެ މައްޗަށް ކުށް ސާބިތުވި ކަމުގެ ހުކުމް އިއްވާފައިވަނީ މިދިޔަ ހަފުތާގައެވެ. މި ތިން މީހުން މަރާލީ އޮސްޓްރޭލިއާގެ ދެބެއިން ކަމަށްވާ ޖެކް ރޮބިންސަން އާއި ކެލަމް ރޮބިންސަން، އަދި އެ ދެ މީހުންގެ ރަހުމަތްތެރިޔެއް ކަމަށްވާ އެމެރިކާ އަށް ނިސްބަތްވާ ކާޓާ ރޯޑެވެ. ޝަރީއަތަށް ހުށަހެޅި ހެކިތަކުން ހާމަވިގޮތުގައި އެ ތިން ޒުވާނުން މެރީ އެ މީހުންގެ ޓްރަކް ފޭރެން ކުރި މަސައްކަތު ތެރޭގައެވެ. މަރާލެވުނު ތިން ޒުވާނުންގެ ހަށިގަނޑު ފެނުނީ ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، ތިން މީހުންގެ ބޮލަށް ވެސް ބަޑި ޖަހާފައި ހުއްޓެވެ.
ކުށް ސާބިތުވީ ތިން މީހުންގެ ފުރިހަމަ ނަން ގާނޫނީ ސަބަބުތަކަށްޓަކައި ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން، އެ މީހުންނަށް ދީފައިވާ އަސްލު ނޫން ނަމަކީ ހެސޫސް ހެރާޑޯ، އިރީނެއޯ ފްރެންސިސްކޯ، އަދި އެންހެލް ހެސޫސްއެވެ.
ދެބެއިންގެ މަންމަ ޑެބްރާ ރޮބިންސަން ކޯޓުގައި ވާހަކަދައްކަމުން ބުނީ، ދެ ފިރިހެން ދަރިން މަރާލުމުގެ ސަބަބުން އެ ކުދިންނާ އެކީ ތަސައްވުރު ކުރި މުސްތަގުބަލް ގެއްލިފައިވާ ކަމަށެވެ.
ތިން ޒުވާނުންގެ ހަށިތައް ފެނިފައިވަނީ އެމީހުން މަރާލިތާ ހަފްތާއެއްފަހުންނެވެ. އެ ހާދިސާ ހިނގި ސަރަހައްދަކީ، އާންމުކޮށް ސާފް ކުރާ ފަރާތްތަކަށް ރައްކާތެރި ކަމަށް ބެލެވޭ ތަނަކަށް ވާތީ، އެންސެނާޑާގެ ރައްޔިތުންނާއި ފަތުރުވެރިން ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. ބާހާ ކެލިފޯނިއާގެ އިގްތިސާދުގެ މުހިންމު ބައެއް ކަމަށްވާ ފަތުރުވެރިކަމަށް ބުރޫ އެރި މި ހާދިސާއާ ގުޅިގެން، ސަރަހައްދުގެ ސާފަރުންނާއި ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް