އަހަރު މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
އަހަރުގެ މިހާތަނަށް އެންސްޕާއަށް 2.9 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން ނެރެފައިވާ އެންމެފަހުގެ ދައުލަތުގެ ހަރަދުތައް ހުރިނެތްގޮތް އަންގައިދޭ ރިޕޯޓަށް ބަލާއިރު، މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެންސްޕާއަށް ކުރި ހޭދައަކީ 2.9 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 2.3 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެންސްޕާއަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ޤާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ އިދާރާއެވެ. އެގޮތުން ބޭސްފަރުވާގެ އެހީތެރިކަމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އެންސްޕާގެ ބެލުމުގެ ދަށުންނެވެ.
އެންސްޕާއިން މިދިޔަ މަހު ވަނީ އެ އިދާރާއިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް އެދިފައެވެ. އިޖްތިމާޢީ ރައްކާތެރިކަމުގެ ޢާންމު ޤަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނަށް އެހީ ދެވޭނީ 2 އަހަރު ދުވަހުގެ މުއްދަތުގެ ނިޔަލަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް