ފަލަސްޠީނަށް ރާއްޖޭގެ ތާއީދު ދެމިއޮންނާނެ: އިރުތިޝާމް
ދިވެހިރާއްޖެއިން ފަލަސްތީނަށް ދެމުން އަންނަ ތާއީދު އެގޮތުގައި ދެމި އޮންނާނޭކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިރާޤުގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ މިނިސްޓަރުންގެ ކައުންސިލުގެ 52 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވަނީ، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ކުރަމުންދާ ވަކާލާތު ކުރިއަށްވެސް ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށްކޮށްގެން، މިނިވަން އަދި ސިޔާދަތު ހުރި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަކީ ރާއްޖޭގެ ސިޔާސަތު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ މަޤްޞަދު ޙާޞިލުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ޤައުމުތަކެއް އެކުގައި މަސައްކަތްކުރަން ވެސް އިރުތިޝާމް ވަނީ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ.
ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ވަނީ، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޤައުމުތަކުގެ ދެމެދުގައި މަޝްވަރާ ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްޙައަށް މުޖުތަމަޢުގެ ހުރިހާ ބައިތަކެއް ޝާމިލުކުރަން ޖެހޭ ކަމަށް ބާރުއަޅުއްވައި، އެކަމުގައި ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިރުތިޝާމް ވަނީ މަސްޖިދުލް އަޤްޞާއަށް ވަދެ ހިންގާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ސުލްޙައާ ބެހޭ ކޮންމެ މަޝްވަރާއެއްގައި ހަނގުރާމައާއި އަނިޔާވެރިކަމުގެ އަސަރު ބޮޑަށް ކުރާ ނާޒުކު ފަރާތްތަކުގެ އަޑު ހިމެނެން ޖެހޭ ކަމަށް ބަޔާންކުރައްވާފައެވެ.
މިއަހަރަކީ ދިވެހިރާއްޖެ އޯއައިސީއާ ގުޅުނުތާ 50 އަހަރު ފުރޭ އަހަރެވެ. މިފަހަރުގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ވަނީ، މެންބަރު ޤައުމުތަކުގެ މިނިސްޓަރުންނާ ވެސް ބައްދަލުކުރައްވައި، ގުޅުން ބަދަހިކޮށް ދެ ފަރާތުގެ މަޞްލަޙަތު ހިމެނޭ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ މިނިސްޓަރުންގެ ކައުންސިލުގެ ބައްދަލުވުމަކީ، އިސްލާމީ އުންމަތަށް ކުރިމަތިވާ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށް އޯއައިސީގެ ޤައުމުތަކުގެ ޚާރިޖީ މިނިސްޓަރުން ކޮންމެ އަހަރަކު އެއްވެ ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރާއި އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު ޝުޖާޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް