ގިނީ އާއި ބްރެޒިލް ބައްދަލުކުރި މެޗު ފެށުމުގެ ކުރިން މިލިޓޯ، ވިނީޝިއަސް އަދި ރިޗަލްސަން
ގިނީ އާއި ބްރެޒިލް ބައްދަލުކުރި މެޗު ފެށުމުގެ ކުރިން މިލިޓޯ، ވިނީޝިއަސް އަދި ރިޗަލްސަން
ކުޅިވަރު 17 Jun 2023 | 22:57

ގިނީ އަތުން ބްރެޒިލް އަށް ފަސޭހަމޮޅެއް!

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ގިނީ އާއި ބްރެޒިލް ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ބްރެޒިލް ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗަކީ ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ބްރެޒިލް އިން ފަށާފައިވާ ކެމްޕޭނުގެ ދަށުން ސްޕެއިނުގައި އެފްރިކާގެ ދެ ގައުމަކާއި ދެކޮޅަށް ބްރެޒިލް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިިން ފުރަތަމަ މެޗެވެ. އަދި ސްޕެއިންގެ ބާސެލޯނާގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަަމަ ހާފުގައި ބްރެޒިލް އިން ބޭނުންކުރީ މުޅިން ކަޅުކުލައިގެ ޖާޒީއެކެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބްރެޒިލް އިންނެވެ. މިލަނޑު ފުރަތަަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިއުކާސަލް ޔުނައިޓެޑްގެ މިޑްފީލްޑަރު ޖޯލިންޓަން އެވެ. އަދި މިއީ އޭނާ ބުރެޒިލް ގައުމީ ޓީމަށް ކުޅުނު ފުރަތަަމަ މެޗެވެ.

ބްރެޒިލްގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓު ފަހުން ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑްގެ ފޯވަޑް ރޮޑްރިގޯ އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ގިނީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ސެރްހޫ ގުރާސީ އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ބްރެޒިލްގެ ޑިފެންޑަރު ޑިއޭގޯ މިލިޓޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އެޓީމުގެ މިޑްފިލްޑަރު ލޫކަސް ޕަކުއެޓާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ބްރެޒިލް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ރެއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ.

މިއީ ވޯލްޑްކަޕް ގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިޔާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ފަހުން އެޓީމު މޮޅުވި ފުރަތަމަ މެޗެވެ. އަދި މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބްރެޒިލް ނުކުންނާނީ ސެނެގާލް އާއި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް